މަތީ ތައުލީމު ހާސިލުކުރުމަށް ދޫކުރާ ސުޓޫޑެންޓް ލޯނަށް އެދި 1300 އަށް ވުރެ ގިނަ ދަރިވަރުން ފޯމް ހުށަހަޅައިފި އެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުން ތައުލީމާއި ތަމްރީނު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯން ސްކީމްގައި މި އަހަރު ދޫކުރުމަށް ނިންމާފައިވަނީ 500 ލޯނެވެ.
އިއްޔެއަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާއިރު، ސްޓޫޑެންޓު ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ފޯމުތައް މިހާރު އިވެލުއޭޓު ކުރަމުންދާ ކަމަށް ހަޔާރ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް އޭގެ ތަފުސީލު ރަސްމީކޮށް ހާމަ ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސްޓޫޑެންޓު ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ހުޅުވައިލާފައިވަނީ މިދިޔަ މާޗް މަހުގެ 29 ގަ އެވެ.
ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން ސަރުކާރު ލޯނުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އިތުރަށް ޓޮޕް އަޕް ނަގަން ބޭނުންވާ ދަރިވަރުންނަށް އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް އެ މުއްދަތުގައި ހުޅުވައިލި އެވެ. ޓޮޕް އަޕް ދޫކުރާ އެންމެ މަތީ އަދަދަކީ 700،000ރ އެވެ.
ސްޓޫޑެންޓު ލޯން ސްކީމުގެ ދަށުން މިދިޔަ އަހަރު ވެސް ސަރުކާރުން ފުރަތަމަ އިއުލާނުކުރީ 500 ލޯނު ދިނުމަށެވެ. ނަމަވެސް، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ލޯނު ދޭން ސަރުކާރުން ފަހުން ވަނީ ނިންމާފަ އެވެ.
ސަރުކާރުން މިހާރު ދޫކޮށްފައިވާ ސްޓޫޑެންޓު ލޯނުތަކާއި ސްކޮލަޝިޕުގައި ކިޔަވާ ކުދިންނަށް ލިބެން ޖެހޭ ފައިސާ ޖަމާ ނުވެ ލަސްވަމުންދާ މައްސަލައިގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅޭގޮތުން ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން މަރުޒޫގު ކުރެއްވި ސުވާލަށް މިނިސްޓަރު ހައިދަރު ލިޔުމުން އިއްޔެ ދެއްވި ޖަވާބުގައި ވިދާޅުވީ ފައިސާ ޖަމާ ނުވެ ލަސްވާ މައިގަނޑު ސަބަބަކީ އެ ފައިސާ ޖަމާކުރަން ޖެހޭ ބޭންކު އެކައުންޓުގެ މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށެވެ. އަދި ދަރިވަރުން ފޮނުވާ ޝަކުވާގެ ސިޓީ އާއި މެއިލްތަކަށް ޖަވާބު ނުދެވެނީ ކަނޑައެޅި އަދަދަށްވުރެ އިތުރަށް ސަރުކާރުން ލޯނު ދޫކުރުމުން ކަމަށް ހައިދަރު ވިދާޅުވި އެވެ.
ދަރިވަރުންގެ ފޯން ކޯލްތަކާއި، ސިޓީ އަދި އީމެއިލްއަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ޖަވާބު ނުދޭކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް އެ މިނިސްޓްރީން ބުނެފައިވަނީ މިނިސްޓްރީގެ އެކި ސެކްޝަންތަކަށް ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ އީމެއިލް އާއި ސިޓީ ލިބެމުންދާ ކަމަށެވެ.