ރާއްޖޭގައި ޕާޓީކުރުން އާއްމުވެފައިވަނީ 2018 ވަނަ އަހަރުން ފެށިގެންކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާޕާސަން ލުބްނާ ޒާހިރު ވިދާޅުވެއްޖެ އެވެ.
ދިޔަވަރު ނޫހުން "ޕާޓީ ކުރުމުގެ ޓްރެންޑު އާންމުވީ މިސަރުކާރު އައި ފަހުން ކަމަށް ދޭހަވާހެން އެންޑީއޭ ޗެއާޕާސަން ލުބްނާ ޒާހިރު ވާހަކަ ދައްކައިފި" ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރެއް ދޮގުކޮށް ލުބުނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތާ ހަމައަށް އެއްވެސް އިންޓަވިއުއެއްގައި އެފަދައިން ބުނެފައިނުވާނެ ކަމަށެވެ.
ޕާޓީ ކުރުން އާއްމުވެފައި ވަނީ 2018 ފެށިގެން ކަމަށެވެ. އަދި 2023 ވަނަ އަހަރު މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޒުވާނުން ތިބީ ބިރަކާ ނުލާ ޕާޓީކޮށް ކޮށް ކަމަށް ލުބުނާ ވިދާޅުވި އެވެ.
މިއާއެކު ލުބުނާ ވަނީ ދޮގު ހަބަރު ފެތުރުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.
އިއްޔެ އެންޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ޕާޓީ ޑްރަގްސްގެ ބޭނުންކުރުން ރާއްޖޭގައި އިތުރުވަމުންދާ ކަމަށާއި، މިއީ ނުރައްކާތެރި މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށް ވަނީ ބުނެފަ އެވެ.