ބޮޑު މުސާރައާ އެކު މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަންގައި 25 މުވައްޒަފުން ތިބިކަން ހާމަވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިޔާއަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި އެ ގައުމުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ހުރިހާ މުވައްޒަފުންނާއެކު ވަނީ ފޮޓޯއެއް ނަގާފަ އެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި އެމަނިކުފާނާއެކު 25 މުވައްޒަފުން އެބަތިއްބެވެ.

އެ ހައިކޮމިޝަންގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި އެވްރެޖްކޮށް މަހަކު 75،000 ރުފިޔާ ހަރަދުކުރެ އެވެ. އެއީ މުސާރައިގެ ގޮތުގައި މަހަކު 1.8 މިލިއަން ރުފިޔާ އެވެ. ފަސް އަހަރަށް ބަލާނަމަ އެއީ 1.3 ބިލިއަން ރުފިޔާ އެވެ.

އެ ހައިކޮމިޝަންގައި ވަޒީފާ އަދާކުރާ މީހުންގެ ތެރޭގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމްގެ އަނބިކަނބަލުންނާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ޅިޔަނާއި މި ސަރުކާރަށް ކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވި ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު އައްބާސް އާދިލް ރިޒާ ހިމެނެ އެވެ.

ފާއިތުވި ވެރިކަންތަކުގައި މެލޭޝިޔާ ހައިކޮމިޝަނުން ވަޒީފާ ދެނީ 10 ވަރަކަށް މީހުންނަށެވެ. ނަމަވެސް މި ސަރުކާރުގައި އާދަޔާ ހިލާފަށް ގިނަ މީހުންނަށް ވަޒީފާ ދީފައިވެ އެވެ. މިއީ ރައީސް މުއިއްޒުގެ ސަރުކާރަށް ތާއީދުކުރާ މީހުންނަށް މާލީ މަންފާތަކެއް ދިނުމަށް ދައުލަތުގެ ފައިސާ އިން ކުރެވޭ ވަރަށް ބޮޑު އިސްރާފެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީގެ މުވައްޒަފުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ

ރާއްޖެއިން ބޭރުގައި ހުރި ހައިކޮމިޝަންތަކުގެ ތެރެއިން އެންމެ ގިނަ މީހުންނަށް ވަޒީފާދީފައި ވަނީ އެ ހައިކޮމިޝަނުންނެވެ. އެ ހައިކޮމިޝަންގެ ގިނަ މުވައްޒަފުން ގިނަ ދުވަހު އޮފީހަށް ވެސް ނުދާ ކަމަށް އެނގިފައިވެ އެވެ. ބައެއް މީހުން އޮފީހަށް ނުގޮސް ގޭގައި ތިބެގެން ރޮށި ފިހައިގެން ވިއްކައި ވިޔަފާރިކުރެ އެވެ. އަދި ރޮށި ވިއްކުމަށް އެ ހައިކޮމިޝަންގެ ވައިބާ ގްރޫޕްގައި ވެސް އިސްތިހާރު ޖަހާފައި ހުރެ އެވެ.

ރާއްޖެއިން ބޭރުގެ ހައިކޮމިޝަންތަކާއި އެމްބަސީތަކުގައި ވަޒީފާ އަދާކުރާ މީހުންގެ އަދަދާއި އެ މީހުންގެ މުސާރައިގެ ތަފްސީލް ހޯދަން "ހުރިހާ" އިން ފޮރިން މިނިސްޓްރީއަށް ފޮނުވި އާރްޓިއައިއަށް އެ މިނިސްޓްރީން ވަނީ ޖަވާބުދޭން ދެކޮޅު ހަދާފަ އެވެ. އަދި އެ ސުވާލުތަކަށް ޖަވާބު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރި އަމުރަށް ވެސް ފޮރިން މިނިސްޓްރީން ތަބައެއް ނުވެ އެވެ.