އޮސްކާ އެވޯޑުގެ މިލްކުވެރިއެއް ކަމަށްވާ ޑައިރެކްޓަރު ހަމްދާން ބަލާލް އޭނާއަށް ކުރިމަތިވި އިޒްރޭލުގެ ހަމަލާއެއްގެ ތަޖުރިބާ މީޑިއާއާ ހިއްސާ ކޮށްފި އެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ހަމްދާން ވަނީ ފަލަސްތީނުގައި އޭނާ ދިރިއުޅެމުން ދިޔަ ސަރަހައްދަށް ސިފައިން ވަދެގަނެ ކުރިމަތި ކުރުވި އަނިޔާތަކާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

ހަމްދާން ބުނީ އެ ހަމަލާއާ ކުރިމަތިލާން ޖެހުނީ މިދިޔަ މާޗު މަހު "ރަމަޟާން މަހުގެ ރެއެއްގައި" ކަމަށާއި ނިރުބަވެރި ހަނގުރާމަވެރިން އޭނާ ރަހީނު ކުރުމަށްފަހު އޮސްކާ އެވޯޑާ ގުޅުވައިގެން ފުރައްސާރަ ވެސް ކުރި ކަމަށެވެ.

"އެމީހުން އައީ އަހަރެންގެ ގޭގެ ދޮރުމަތީގައި ހުއްޓާ. އެމީހުން ފެނުމުން އަހަރެންގެ އަނބިދަރިން ގެއަށް ވައްދައި ދޮރު ތަޅުލުމަށްފަހު ކޮންމެ ކަމެއް ވިޔަސް ދޮރު ނުހުޅުވަން ބުނިން" ހަމްދާން ކިޔައިދިނެވެ.

އެއަށްފަހު ހަނގުރާމަވެރިން އޭނާއާ އަރާ ހަމަކޮށް އޭނާގެ ހަށިގަނޑުގައި މުގުރުންނާއި ބަޑިން ތަޅައި ހެދި ކަމަށް ވެސް ހަމްދާން ބުންޏެވެ.

ހަމްދާން ސިފަކުރި ގޮތުގައި އެއީ އޭނާގެ ހަޔާތުގައި ތަޖުރިބާކުރަން ޖެހުނު އެންމެ ނުތަނަވަސް ދުވަހެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މުޅި ހަޔާތް ލޯމަތީގައި އަނދިރިވި ކަމަށް އޭނާ ބުނެފައިވެ އެވެ.

ހަމްދާންއަކީ 2024 ވަނަ އަހަރުގެ ކާމިޔާބު ޑޮކިއުމެންޓްރީ ފިލްމް "ނޯ އަދާ ލޭންޑް"ގެ ކޯ ޑައިރެކްޓަރެވެ. އެ އުފެއްދުމަށް އޭނާއަށް ވަނީ އޮސްކާ އެވޯޑް ލިބިފަ އެވެ.