ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރި މުހައްމަދު އަލްސަން އަހުމަދު ވެސް ޕީއެންސީއަށް ސޮއިކޮށްފި އެވެ.

އެ ދާއިރާގެ ގޮނޑި އަލްސަން ކާމިޔާބުކުރީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލުގެ ބޭބެ އަދި ޕީއެންސީގެ ކެންޑިޑޭޓް އަބްދުﷲ ޝަރީފު ބަލިކޮށްފަ އެވެ.

ޕީއެންސީއާއި އަލްސަން ގުޅިވަޑައިގަތް ފޯމާ ހަވާލުވެވަޑައިގަތީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަދި ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ޕީއެންސީން ވާދަކޮށް 66 ގޮނޑި ކާމިޔާބު ކުރި އެވެ. އޭގެ ފަހުން މަޖިލިސް އިންތިޚާބު ކާމިޔާބުކުރެއްވި އަމިއްލަ މެންބަރުން ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ. މިއާއެކު މިހާރު އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދު މިވަނީ 75 އަށް އިތުރުވެފަ އެވެ.

އަމިއްލަ ގޮތުން އިންތިޚާބުވި މަދު މެންބަރެއް ފިޔަވައި ދެން ތިއްބެވި މެންބަރުން ޕީއެންސީއާ ގުޅިވަޑައިގެންފައިވާއިރު، އެންމެފަހުން ޕީއެންސީއާ ގުޅިވަޑައިގަތް ތިނަދޫ ދެކުނު ދައިރާގެ އިންތިޚާބީ މެންބަރު އަލްސަންއަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި އެންމެ ހަގު މެންބަރެވެ.

ވިހި ވަނަ މަޖިލީހުގަ ޕީއެންސީ ތަމްސީލުކުރާ މެންބަރުންގެ ޢަދަދު 75 އަށް އަރާފައިވާއިރު، ސަރުކާރު ހިންގާ ކޯލިޝަންގެ ތާއީދާއެކު ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ ލީޑަރުގެ އިތުރުން އެމްޑީއޭއިން އިންތިހާބުގައި ވާދަކޮށް ގޮނޑި ކާމިޔާބުކުރެއްވި މެންބަރުން ހިމެނޭހެން 20 ވަނަ މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ އަދަދު މިހާރު ވަނީ 79 އަށް އިތުރުވެފަ އެވެ.