އދ. އަތޮޅުގައި އޮންނަ ސެންޓާރާ ރިސޯޓުގައި ގެނބުނު ޓޫރިސްޓަކު ސަލާމަތްކުރަން އުޅުނު ދިވެއްސަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 11:05 ގައި ކަމަށެވެ.

އެ ހާދިސާގައި މަރުވީ 39 އަހަރުގެ ދިވެއްސަކު ކަން ފުލުހުން ޔަގީންކޮށްދިނެވެ.

ފުލުހުން ބުނީ ގެނބުނު ދިވެހި މީހާ އަށް ފަރުވާ ދިނުމަށް އެ ރިސޯޓާ ކައިރީގައި އޮންނަ އދ. ދަނގެތީ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް އެ ސެންޓަރުން ބުނި ކަމަށެވެ.

ގެނބެމުންދިޔަ ޓޫރިސްޓުގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ވަރަށް މޫސުން ގޯސް ދުވަސްވަރަކަށްވާތީ، ފަޅު ރަށްރަށަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.

ރާއްޖެއަށް މި ދުވަސްވަރު މޫސުން ގޯސްވެފައި ވަނީ ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުންކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ. އަދި ކުރިއަށް އޮތް ހަފްތާ ބަންދުގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވެ އެވެ.