މާވަލް ސިނެމެޓިކް ޔުނިވާސްގައި "ސްޕައިޑަ-މޭން" (ޕީޓާ ޕާކާ)ގެ ރޯލުން އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރު ޓޮމް ހޮލޭންޑްގެ ބަދަލުގައި އެހެން އެކްޓަރެއް އެ ރޯލަށް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ޔަގީން ކޮށްދީފި އެވެ.
އެ ފްރެންޗައިޒްގެ އާ ފިލްމު "ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ" ރިލީޒް ކުރުމާ ދިމާކޮށް ދިން އިންޓަވިއުއެއްގައި ޓޮމް ބުނީ، 2021 ވަނަ އަހަރު ނުކުތް "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" އަށްފަހު، އޭނާގެ ބަދަލުގައި އެހެން ފަރާތަކަށް ސްޕައިޑަ-މޭންގެ "ތޮފި" (ރޯލު) ހަވާލު ކުރާނެ ގޮތުގެ މަޝްވަރާތައް މާވަލްއާއެކު ކުރިއަށްދާ ކަމަށެވެ.
"ހެޕީ ސޭޑް ކޮންފިއުޒްޑް" ޕޮޑްކާސްޓުގައި ވާހަކަދައްކަމުން 30 އަހަރުގެ އެކްޓަރު ބުނީ، މާވަލްއާއެކު މުޅި ރޭވުން އެކުލަވާލެވިފައިވާ ކަމަށާއި، ކުރިމަގުގައި ބަދަލުތަކެއް އައި ނަމަވެސް، އެ ރޯލު އެހެން އެކްޓަރަކަށް ރައްދު ކުރުމުގެ ސާފު ތަސައްވުރެއް އެބައޮތް ކަމަށެވެ.
މިފަދަ ބައްދަލުތަކުގައި ބައިވެރިވެ، ސްޕައިޑަ-މޭންގެ މުސްތަގުބަލު ބައްޓަން ކުރުމަށް އެހީތެރިވުމަކީ އޭނާ ނުހަނު އުފަލާއެކު ކުރާ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.
ޓޮމް އެންމެ ފުރަތަމަ އެމްސީޔޫގައި ސްޕައިޑަ-މޭންގެ ގޮތުގައި ފެނިގެންދިޔައީ 2016 ވަނަ އަހަރު ނުކުތް "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" އިންނެވެ. އޭނާއަކީ ޓޮބީ މެގުއާ އަދި އެންޑްރޫ ގާފީލްޑަށްފަހު މި ރޯލު ކުޅުނު ތިންވަނަ އެކްޓަރެވެ.
އޭނާ ބުނި ގޮތުގައި، އޭނާގެ ފުރަތަމަ ފިލްމުތަކުގައި "އަޔަން މޭން" ގެ ރޯލުން ފެނުނު ރޮބަޓް ޑައުނީ ޖޫނިއަރ އޭނާއަށް އެހީތެރިވެދިން ފަދައިން، ކުރިމަގުގައި ދެން ސްޕައިޑަ-މޭންގެ ރޯލާ ހަވާލުވާ ޒުވާން އެކްޓަރަކަށް "މެންޓޯ"އެއްގެ ގޮތުގައި އެހީތެރިވެދޭން އޭނާ ބޭނުންވެ އެވެ.
އޭނާގެ ބަދަލުގައި އެ ރޯލަށް ގެންނަން ބޭނުންވާ އެކްޓަރަކީ ކޮބައިތޯ ސުވާލު ކުރުމުން، ނެޓްފްލިކްސް ސީރީޒް "އެޑޮލެސެންސް" އިން ފެނިގެންދިޔަ ޒުވާން އެކްޓަރު އޯވެން ކޫޕާގެ ނަން އޭނާ ވަނީ ހުށަހަޅާފަ އެވެ.
ޓޮމްގެ އާ ފިލްމު ""ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ" މިއަދު ބައިނަލްއަގްވާމީ ސިނަމާތަކުގައި ރިލީޒް ކުރާނެ އެވެ.
އުމުރުން ދުވަސްވީ މީހުންގެ މެދުގައި އެކަނިވެރިކަން އިތުރުވަނީ!
މާފުށީ ބޭރުގައި އޮންނަ ސަފާރީ ތޮށި މައްޗަށް އުރި ފުނޑުފުނޑުވެއްޖެ
ސަމާލުކަން ނުދެވޭ ސިއްހީ ނުރައްކަލެއްގެ އިންޒާރު ދީފި