ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ޑިމޮކްރަސީން ކަށަވަރުކޮށްދޭ ކިތަންމެ ހައްގެއް، އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިގަތުމަށް ހުރަސްތަކާއި ދަތިތަކެއްވަނީ މެދުވެރިވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ޑިމޮކްރަސީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތޯބެއްގައި ރައީސް ސޯލިހު ވިދާޅުވީ ޑިމޮކްރަސީ ގާއިމުވެފައިވާ ދައުލަތެއްގައި، ރައްޔިތުންނަށް ވަރަށް ގިނަ ހައްގުތަކެއް ލިބިގެންވާކަން އެންމެންވެސް ގަބޫލުކުރާ ކަމަށެވެ. އަދި އެ ހައްގުތަކާއެކު ރައްޔިތުންގެ ކޮނޑުގައި ވަރަށް މަތިވެރި ޒިންމާތަކެއް ވެސް އެޅިގެންދާކަމީ ހަގީގަތެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

" ހަމައެފަދައިން، ރައްޔިތުންނަށް ޚިދުމަތްކުރަން ތިބި ދައުލަތުގެ މުވައްޒަފުންގެ ކޮނޑުގައި ވެސް މަސްއޫލިއްޔަތުތަކެއް އެޅިގެންދާކަން ގަބޫލުކުރަންޖެހޭ. ޑިމޮކްރަސީއަކީ ރައްޔިތުންގެ ތެރެއިން ރައްޔިތުން އިޚްތިޔާރުކުރާ ބަޔަކު ރައްޔިތުން އެދޭގޮތަށް ރައްޔިތުންނަށްޓަކައި ދައުލަތް ހިންގައިދިނުން ކަމުގައި ބުނެވެނީ، މި ދެންނެވި ޙައްގުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ގެތިފައިވާ ސިލްސިލާގެ ބަދަހިކަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ޑިމޮކްރަސީން ކަށަވަރުކޮށްދޭ ކިތަންމެ ހައްގެއް އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިގަތުމަށް ހުރަސްތަކާއި ދަތިތަކެއްވަނީ މެދުވެރިވެފަ އެވެ.

"އެހެން ނަމަވެސް، މި ޙާލަތުގައި ވެސް ސަރުކާރުން ގަދައަޅައި މަސައްކަތް ކުރަމުން މި އަންނަނީ ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ނަގަހައްޓައި ގާނޫނުގެ ވެރިކަން ދެމެހެއްޓުމާއެކު އިންސާނީ ޙައްގުތައް ފުރިހަމައަށް ރައްކާތެރި ކޮށްދިނުމަށް. އޭގެ ތެރެއިން ވެސް އެންމެ އިސް ޙައްގު ކަމުގައިވާ ފުރިހަމަ ސިއްހަތެއްގައި ދިރިހުރުމުގެ ހައްގަށް އުނިކަމެއް އަޔަނުދިނުމަކީ މި ޙާލަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތު،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރުގައި މި ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު މަގުޞަދަކީ ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން އެ ދައުލަތެއްގެ ރައްޔިތުންނަށް ލިބެންވާ މިނިވަންކަމާއި ޙައްގުތައް ފުރިހަމައަށް ލިބިދޭކަން ކަށަވަރުކުރުމާއެކު ދައުލަތް ހިންގުމުގެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް އޮތްކަން ކަށަވަރުކުރުމާއި އެކަމަށް މަގު ފަހިކޮށްދިނުން ކަމަށެވެ. ހަމައެފަދައިން ދައުލަތް ހިންގުމުގެ ކަންކަން ނަޒާހަތްތެރިކަމާއެކު ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ޒިންމާދާރުކަމާއެކު ކުރަމުން ގެންދިޔުމަށް ބާރުއެޅުމާއެކު އެކަމަށް ޢާންމު ރައްޔިތުން ހޭލުންތެރިކުރުން ވެސް ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި އަހަރުގެ ޑިމޮކްރަސީ ދުވަސް އަޅުގަނޑުމެންނާ މި ބައްދަލުކުރީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ އަނދިރިކަން މުޅި ދުނިޔެއަށް ފެތުރި، ގައުމުތަކުގެ ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ހަރަކާތްތައް މުޅިންހެން ހުއްޓިފައިވާ ދުވަސްވަރެއްގައި. މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ މިދަނޑިވަޅުގައި ޑިމޮކްރަސީގެ ރީތި ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ދިވެހި ދައުލަތުގެ އެންމެހައި ގުނަންތައް އެއް ހަށިގަނޑެއް ފަދައިން މަސައްކަތް ކުރުމަކީ ގައުމުގެ މަޞްލަޙަތަށްޓަކައި ނުހަނު ބޭނުންތެރި ކަމެއް. ހަމައެފަދައިން ފަރުދީ ފެންވަރުގަޔާއި ޖަމާޢަތުގެ ފެންވަރުގައި، ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޑިމޮކްރަސީގެ ފުރިހަމަ މަންފާ އަލުން އަނބުރާ ހޯދުމަށްޓަކައި، އެންމެން ގަދައަޅައި މަސައްކަތް ކުރަންވީ، ކޯވިޑް-19ގެ ނުރައްކަލުން ވީއެންމެ އަވަހަކަށް މިންޖުވުމަށް ކަމަށެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ފަރުދީ ޒިންމާގެ ދައުރު ފުޅާކޮށް، އިޖުތިމާއީ ގައިދުރުކަމަށް އިސްކަން ދިނުމަކީ، މިއަދު އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ކަންތައް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

" އަޅުގަނޑުމެންގެ އިގްތިޞާދަށް ދިރުން ގެނައުމަށްޓަކައި ވެސް، ކޯވިޑް-19އާ ދެކޮޅަށް، އެންމެން އެކުގައި މަސައްކަތް ކުރުމަށް ހާއްސަ ސަމާލުކަމެއް ދެމާތޯއެވެ! މިއީ މިއަދު މުޅި ދިވެހި އުންމަތުގެ އާދޭހެވެ. އެންމެންގެ މަޞްލަޙަތާއި އެންމެންގެ ލާބަ ހުރިގޮތަށް،' ރައީސް ވިދާޅުވި އެވެ.