މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފަރާތުން މި އަހަރުގެ ހައްޖުގެ އަޅުކަމަށް ފޮނުވާ 10 މުވައްޒަފުން ކަނޑައަޅައި އެ މުވައްޒަފުންނަށް މިއަދު ލިޔުން ހަވާލުކޮށްފި އެވެ.

ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މުވައްޒަފުންނާ ލިޔުން ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ.

އެ ކުންފުނިން މި ފަހަރު ވެސް ހައްޖުގެ އަޅުކަމަށް މުވައްޒަފުން ހޮވުމުގައި އިސްކަން ދިނީ އެންމެ ދުވަސްވީ މުވައްޒަފުންނާއި މީގެ ކުރިން ހައްޖަށް ނުދާ މުވައްޒަފުންނާއި ލިޔުންތައް ހަމަކޮށް އެންމެ ކުރިން ހުށަހެޅި މުވައްޒަފުންނަށެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ މުވައްޒަފުންނަށް ހައްޖުގެ ފުރުސަތު ހޯއްދަވައި ދެއްވުމަށް އިސްލާމިކް މިނިސްޓްރީ އާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއެކު ކުރެވުނު މަސައްކަތްތަކުން އެ ފުރުސަތު މުވައްޒަފުންނަށް ފަހިވެގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މީގެ އިތުރުން ކުންފުނިން މިކަމަށް ދޭ އިސްކަން ވަރަށް ބޮޑު ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެމުން އަންނަ ފުރުސަތުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްއިން އެންމެ ފުރަތަމަ ޕްރޮގުރާމެއްގެ ތެރެއިން މުވައްޒަފުން ހައްޖަށް ފޮނުވީ 1998 ވަނަ އަހަރު އެވެ. އެ ޕްރޮގްރާމަށް ފަހު، އެމްއޭސީއެލް އިން އަންނަނީ 2017 ވަނަ އަހަރުން ފެށިގެން މުވައްޒަފުންނަށް ހައްޖުގެ 10 ފުރުސަތު ހޯދައި ދެމުންނެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު، މިދިޔަ އަހަރުން ފެށިގެން މުވައްޒަފުންނަށް މި ފުރުސަތު އަލުން ދިޔައީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ އަހަރު ވެސް ފަސް މުވައްޒަފުން ހައްޖަށް ފޮނުވާފައިވެ އެވެ.