ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ އަދިތުޔާ ރޯއީ ކަޕޫރާއި ސާރާ އަލީ ޚާން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް މީޑިއާގައި ހަބަރު ފެތުރިއްޖެ އެވެ.

މި އަޑުތައް ފެތުރިފައިވަނީ ދާދި ފަހުން ޑައިރަކްޓަރު އަނޫރާގް ބާސޫގެ އުފަންދުވަހުގެ މުނާސަބަތުގައި ބޭއްވި ޕާޓީއެއްގައި އެ ދެތަރިން އެކުގައި ފެނުމުންނެވެ.

އަދިތުޔާއާއި ސާރާއަކީ އަނޫރާގްގެ ކުރިއަށް އޮތް ފިލްމު "މެޓްރޯ 2"ގެ ލީޑު ދެތަރިންނެވެ. 2007 ވަނަ އަހަރު ނެރުނު "ލައިފް އިން އަ މެޓްރޯ"ގެ ސީކުއަލް އެކެވެ.

އަދިތުޔާއާއި ސާރާގެ ގުޅުމުގެ ވާހަކަ މީޑިއާއަށް ތިލަވެފައި މިވަނީ އަދިތުޔާ ދެ އަހަރުވަންދެން ރައްޓިވެގެން އުޅުނު އަނަންޔާއާއެކު އޮތް ގުޅުން ނިމުނުތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.

އަދިތުޔާ މިވަގުތު ހުސްކޮށް ހުރިއިރު ސާރާގެ ލޯބީގެ ހަޔާތަކީ މީޑިއާއަށާއި އާއްމުންނަށް ވަރަށް ސިއްރުކޮށްގެން އޭނާ ގެންގުޅޭ ކަމެކެވެ.