ފާއިތުވި ދެތިން ދުވަހު އިންޑިއާގެ މީޑިއާގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންވީރު ސިންހާއި ދީޕިކާ ޕަދުކޯން ވަރިވާން އުޅޭ ވާހަކަ އެވެ.

ރަންވީރު އޭނާގެ އިންސްޓަގުރާމްގައި ހުރި އެދެމީހުންގެ ކައިވެނި ފޮޓޯތައް އާޗީވް ކުރުމާއެކު އޭނާ އެ ފޮޓޯތައް ޑިލީޓްކުރީ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހިގެން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި އެވެ.

އެހެން ނަމަވެސް އޭގެ އެއް ދުވަސް ފަހުން ބޭއްވި ފެޝަންގެ އިވެންޓެއްގައި ރަންވީރު މިވަނީ އެދެމީހުން ވަރިވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއްކަން ހާމަކޮށްފަ އެވެ.

އެ އިވެންޓުގެ ތެރެއިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރަންވީރަށް އެންމެ ހާއްސަ ގަހަނާއަކީ ކޮބައިތޯ ސުވާލު ކުރެވެމުން ރަންވީރު ވަނީ އޭނާގެ އިނގިލީގައި އޮތް ކައިވެނީގެ އަނގޮޓި ދެއްކުމަށްފަހު އޭނާގެ އަންހެނުން ދިން އަނގޮޓި ވަރަށް ހާއްސަ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ވެސް އެ ދެމަފިރިން ވަނީ އެކުގައި ބޭރުތެރެއިން ވެސް ފެނިފަ އެވެ. އެހެން ކަމުން ވަރީގެ އަޑުތަކަށް މިހާރު ވަނީ ނިމުމެއް އައިސްފަ އެވެ.

2018 ވަނަ އަހަރު ކައިވެނިކުރި ރަންވީރުއާއި ދީޕިކާ މިހާރު އަންނަނީ އަންނަ ސެޕްޓެމްބަރު މަހު އެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރު ވަމުންނެވެ.