ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މިމަހު 28 ގައި ބާއްވަން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ އެކުންފުނީގެ 41 ވަނަ އަހަރީ އާންމު ޖަލްސާ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ 20:30 ގައި ހޮޓެލް ޖެންގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ޖަލްސާ ބާއްވާނީ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޒިރުވެގެން އަދި އޮންލައިންކޮށް "ފަހިވޯޓު" މެދުވެރިކޮށް ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ފަހިވޯޓަކީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ މީޓިން މެނޭޖްމަންޓް ސިސްޓަމެކެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މެއި 20، 2024، ގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް ކަމަށެވެ.

ބޭންކުން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން ޖަލްސާ އޮންނަ ދުވަހުގެ ރޭ ޖަލްސާގައި ބައިވެރިވާ ކަމަށް ރަޖިސްޓްރީވާންޖެހޭނެ ކަމަށެވެ. ހޮޓެލް ޖެންގެ ޖަލްސާ ކުރާ މާލަމުގައި ރޭގަނޑު 7:00 އިން 8:15 އާ ހަމައަށް ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީ ކުރެވޭނެ ކަމަށް ބޭންކުން ބުނެ އެވެ.

އެ ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ މީހުންނަށް މާދަމާއިން ފެށިގެން މެއި 26، ގެ ރޭގަނޑު 8:30 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އެމްއެސްޑީގެ ސިސްޓަމް އިންފިނިޓީ ބޭނުންކޮށްގެން އޮންލައިންކޮށް ވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. ނުވަތަ [email protected] އަށް އީމެއިލްކޮށްގެން ވެސް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ޕްރޮކްސީ ހުށަހަޅާ ހިއްސާދާރުން، ޖަލްސާގެ 48 ގަޑިއިރު ކުރިން ޕްރޮކްސީ ހުށަހަޅަންޖެހޭނެ ކަމަށް ވެސް ބޭންކުން ބުނެ އެވެ. ބޭންކުގެ ކޯޕަރޭޓް އެފެއާޒްއަށް މެއިލްކޮށްގެން ޕްރޮކްސީ ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މިދިޔަ އަހަރު ބީއެމްއެލްއަށް ލިބުނު ފައިދާ އިން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާގެ މަގުން، ޖުމުލަ 269 މިލިއަން ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. މިއީ ބީއެމްއެލް އިން ބުނާ ގޮތުގައި އެ ބޭންކުގެ ތާރީހުގައި ވެސް ޑިވިޑެންޑުގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދެވެ. މި އަދަދާ މެދުގައި ގޮތެއް ނިންމާނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ވޯޓު ލައިގެންނެވެ.