ދީނީ އިލްމުވެރިޔާ އައްޝައިޚް ޝަފީއު އަބްދުﷲ ލިޔުއްވި "ޤުރުއާނުގެ އަލީގައި ދަރީން ތަރުބިއްޔަތުކުރުން" ފޮތް ނެރެފި އެވެ.

މި ފޮތް ނެރެދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު އައްޝެއިޚް މުހައްމަދު ލަތީފު އެވެ.

"ޤުރުއާނުގެ އަލީގައި ދަރީން ތަރުބިއްޔަތުކުރުން" މިގޮތުގައި ދަރީން ތަރުބިއްޔަތުކުރުމުގެ މުހިންމުކަމާއި ދަރީން ތަރުބިއްޔަތުކުރުމުގެ ލަނޑުދަނޑި އާއި ތަރުބިއްޔަތުކުރުމުގައި ފަރުވާކުޑަކުރުމުގެ ޚުޠޫރަތްތެރިކަމާއި ޤުރުއާނުގެ އަލީގައި ދަރިން ތަރުބިއްޔަތުކުރަން ޖެހޭ ގޮތާއި އިބްރާހީމްގެފާނު ދެއްކެވި ތަރުބިއްޔަތު ފަދަ މުހިންމު ބައިތައް ހިމެނެ އެވެ.

މިފޮތާ ބެހޭ ގޮތުން ޝައިޚް ޝަފީއު ވިދާޅުވެފައި ވަނީ އިސްލާމީ މުޖުތަމައުތަކުގައި ތަފާތު ގިނަގުނަ ވަބާތަކާއި އިޖުތިމާއީ ބަލިމަޑުކަން މިހާރު ފެތުރިފައި ވަނީ މިއިން ޒަމާނަކު ވެސް އެ ކަންކަން ފެތުރިފައި ނެތް މިންވަރަށް ކަމަށެވެ. އަދި އަޅުގަނޑުމެންގެ ކުޑަކުޑަ ރާއްޖެ ވެސް މި ކަމުން އިސްތިސްނާ ވެގެނެއް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"އާންމުވަމުން މި ދާ އިޖުތިމާޢީ ބަލިމަޑުކަމުގެ ތެރޭގައި ހިމެނޭ އެންމެ ހިތާމަވެރި އެއް ކަމަކީ، ދަރީން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވެވި، ފަރުވާ ކުޑަ ކުރެވުމެވެ. ނަތީޖާއެއްގެ ގޮތުން، އަލަށް އުފެދޭ އިސްލާމީ ޖީލުތައް ފެންނަނީ މުޅިން ފަސާދަވެފައި ވަނިކޮށް. އަޅުގަނޑުމެންގެ ޒުވާނުން ވަނީ ހަލާކުގެ ވަޅުގަނޑުގެ ތުންމައްޗަށް ހުރަހޮޅިފައެވެ. ނުވަތަ އެ ވަޅަށް އެކޮޅުކޮޅުން ވެއްޓިފައި،" ޝަފީއު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ތިމާއަށް ޓަކައި ޤުރުބާނީތަކެއްވެ، ތިމާ ބަލައިބޮޑުކުރި މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، މަސްތުވާތަކެތީގެ ބިރުވެރި މަޅިއާ ދިމާއަށް ހިނގައި ގޮސް އެ މަޅީގައި މެހިގަތުމާއި، ބޮޑެތި މަރާމާރީއާއި، ބަދުއަޚުލާޤީ ޢަމަލުތަކަށް އަރައިގަތުމާއި، ރަޙިމުގެ ގުޅުމާއި ގާތްތިމާގެކަމުގެ ގުޅުން ކަނޑައިގެން އުޅުމާއި، މިހިރަ މިހިރަ ޒާތުގެ އެތަކެއް ފަސާދައެއް ވަނީ އުންމަތުގެ ޙާލާ މެދު ވިސްނައި ފިކުރުކުރާ ބަޔަކު ލޭކަރުނަ އަޅާން ޖެހޭ ވަރަށް އާންމުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މުޖުތަމަޢު ކައި ހުސްކުރާން ދިމާކޮށްގަނެގެން އުޅޭ މި ދެންނެވި ޒާތުގެ ނުބައި ވަބާތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅައި، އެ ވަބާތަކަށް އެކަށޭނަ ޙައްލެއް ބޭނުންވެފައިވަނީ އިންތިހާ ދަރަޖައަށް. މި ދަނޑިވަޅުގައި އެންމެ ފުރަތަމަ ކުރާން ޖެހޭ ސުވާލަކީ، އަޅުގަނޑުމެންގެ މައްސަލަތަކުގެ ޙަޤީޤީ ޙައްލު އޮތީ ކޮންތާކުތޯ ކުރާ ސުވާލު. އަޅުގަނޑުމެންނަށް ޖެހިގެން އުޅޭ އަޚްލާޤީ، އަދި އިޖުތިމާޢީ އެތައް ކެންސަރެއްގެ ފަރުވާ ވަނީ ކޮން ބޭހެއްގައިތޯ؟ އެ ބޭސް ބޭނުން ކުރާން ޖެހޭ އުސޫލުތަކާއި މިންގަނޑުތަކަކީ ކޮބައިތޯ؟،" ޝަފީއު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ މިނިވަން ވިސްނުމަކުން، ހެޔޮކަމުގެ ތަރަހައިގެ މަތީގައި ވިސްނައިލައިފި ކޮންމެ މީހަކަށް ވެސް ފެންނާނޭ ޙަޤީޤަތަކީ، އަޅުގަނޑުމެން މި ހޯދާ ޙައްލު، އަޅުގަނޑުމެން ބޭނުންވެގެން މި އުޅޭ ފަރުވާ އޮތީ މަތިވެރިވަންތަ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކީރިތި ކަލާމްފުޅުގައި ކަމެވެ.

"އެ މަތިވެރި ފޮތާ މެދު އަޅުގަނޑުމެން ޙައްޤު ގޮތުގައި ވިސްނައި ފިކުރު ކޮށްލައިފިއްޔާ، އަޅުގަނޑުމެންގެ ހުރިހާ މައްސަލަތަކެއްގެ ޙައްލު އެ ފޮތުގެ ކީރިތި ތަޢުލީމުގެ ތެރެއިން ފެންނާނޭ ކަމާ މެދަކު ޝައްކެއް ނެތް،" ޝަފީއު ވިދާޅުވެފައިވެ އެވެ.

ޝަފީއު ވިދާޅުވެފައިވާ ގޮތުގައި މި ފޮތުގެ މައިގަނޑު މައުޟޫޢުތަކަށް ޖެހިލުމުގެ ކުރީން މި ފޮތް ލިޔުމުގައި އަޞްލެއް ކަމަށް ބަލާފައިވަނީ އަލޫކާ ޑޮޓް ނެޓްގައި فضل الرحمن جلال الدين އެވެ ކިޔުނު ލިޔުންތެރިއަކު ލިޔުއްވައިފައިވާ "تربية الأولاد كما يراها القرآن" މި މަޒުމޫނު ކަމަށެވެ. އަދި އެ ލިޔުން މައިގަނޑަކަށް ބަލައިގެން ލިޔުނު ނަމަވެސް، ބައެއް އުނިއިތުރު މި ފޮތަށް ގެނެވިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މިފޮތް މި ހަފުތާ ތެރޭގައި ނާސަރީ ބުކްޝޮޕް އަދި އިރާއީ ވިއްކަން ވަނީ ހަމަޖައްސައިފަ އެވެ. އަދި އަންނަ ހަފުތާ ތެރޭގައި ރާދަ ބުކް ޝޮޕާއި ނޮވެލްޓީ އަދި އަސްރަފީ އާއި ނޮލެޖް މެސެޖް އޮފް އިސްލާމް އިން ވިއްކަން ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެޑިޓަރުގެ ނޯޓް: މައްކާގެ އުއްމުލް ޤުރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ އައް ޝެއިޚް ޝަފީއު އަބްދުﷲ އަކީ މި ނޫހުގައި ހުކުރު ދުވަހަށް ހާއްސަކޮށްގެން ދީނީ އެކި މައުޟޫތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.