އެކި ވައްތަރުގެ ކުނިބުނި އަޅައި، ގޮނޑުވެފައިވާ މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 900 ޓަނަށް ވުރެ ގިނަ ކުނި ނަގައިފި އެވެ.

މާލޭގެ ހުޅަނގު ދެކުނުގައި އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށާފައި ވަނީ މި މަހުގެ 3 ވަނަ ދުވަހު އެވެ.

ވެމްކޯއިން ބުނީ އިންޑަސްޓްރިއަލް ވިލެޖު ހިމެނޭ ސަރަހައްދު ސާފުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން 928 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އަދި މިއީ މިދިޔަ 3 ދުވަހުގެ ތެރޭގައި ނަގާފައިވާ ކުނިކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ މާލެ ސިޓީ ކައުންސިލުގެ އިސްނެގުމުގެ މަތިން ޕަބްލިކް ވާކްސް މިނިސްޓްރީގެ އިތުރުން ވެމްކޯ ގުޅިގެންނެވެ.

މާލެ ސިޓީ ކައުންސިލުން ބުނިގޮތުގައި އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދު ކުރިއަށް އޮތްތަނުގައި ގޭޓު ލައި ބަންދު ކުރެވޭނެ އެވެ. އަދި ކުނި ގެންދަން ޖެހޭނީ އޮންނަ އުސޫލުގެ ތެރެއިން ވެމްކޯ ޔާޑަށް ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެ އެވެ.

މާލެތެރެ ސާފުކޮށް ބޭއްވުމަށް ސިޓީ ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެ އެކި ސަރަހައްދުތަކަށް ކުނި އަޅާ ފަރާތްތައް ފާހަގަކޮށް އެ މީހުން ޖޫރިމަނާ ކުރަމުގެ އިތުރަށް އެމީހުންގެ ފޮޓޯވެސް ސޯޝަލް މީޑިއާގައި ދަނީ އާންމުކުރަމުންނެވެ.