އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ފެނުގެ ހިދުމަތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫ އާއި މަރަދޫ އާއި ފޭދޫ އެވެ.

ފެނަކަ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ސިޓީގެ އާބާދީ ބޮޑުވުމުން އެކުންފުނިން އުފައްދާ ފެން ބޭނުން ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ.

މިހާރު ހަރުކުރެވިފައިވާ ޕްލާންޓުން އުފެއްދޭ ފެނަށްވުރެ ބޭނުން ކުރާ ފެނުމުގެ ނިސްބަތް އިތުރު ވެފައިވާ ކަމަށާއި އެކަން ހައްލު ކުރުމަށް ނިމިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ވެސް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް ވެސް ފެނަކައިގެ ބަޔާނުގައިވެ އެވެ. އެހެންވެ، އެ ސިޓީގެ ފެނުގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށް ވެސް ފެނަކައިގެ ބަޔާނުގައިވެ އެވެ.

ފެނަކަ އިން ބުނީ މި ސަރުކާރުގެ ކަމާއި ބެހޭ ވުޒާރާތަކާއި މަޝްވަރާ ކުރެވި، އައްޑޫގެ ފެނުގެ ނިޒާމު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން، އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އެއް އަހަރުގެ އަޕްގްރޭޑިން ޕްރޮޖެކްޓް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓް ނިމިގެންދާއިރު، އައްޑޫސިޓީއަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކަ އިން ބުނެފައިވެ އެވެ. އަދި މިހާރު ވެސް ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރަމުންދާ ކަމަށް ވެސް ފެނަކަ އިން ބުނެފައިވެ އެވެ.