ބޮލީވުޑްގެ ޒުވާން ދެތަރިން ކަމަށްވާ އަދިތުޔާ ރޯއީ ކަޕޫރާއި އަނަންޔާ ޕާންޑޭގެ ލޯބީގެ ގުޅުން މީގެ މަހެއްހާ ދުވަސް ކުރިން ނިމުމަކަށް އައިސްފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ދެ އަހަރެއްހާ ދުވަހު އެކުގައި އުޅުމަށްފަހު ވަކިވެ އެ ދެ މީހުންވެސް އެމީހުންގެ އަމިއްލަ ދިރިއުޅުމުގައި ކުރިއަށް ދާން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެއާއެކު އަދިތުޔާއާއި އަނަންޔާ ވަކިވުމަކީ އެންމެންނަށް ވެސް ލިބުނު ކުއްލި ސިހުމެއް ކަމަށާއި އެ ދެމީހުން ވެސް އެކަކު އަނެކަކާ ރައްޓެހި ކަމުގެ ގުޅުން ބާއްވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ދެތަރިންގެ ވަކިވުމަށް އިޝާރާތްކުރާ ފަދަ ޕޯސްޓެއް މިދިޔަ މަހު އަނަންޔާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކުރުމުން ވެސް އެ ދެމީހުން ވަކިވާން އުޅޭ ކަމުގެ އަޑުތައް ވަނީ އަރާފަ އެވެ.

އަދިތުޔާއާއ އަނަންޔާގެ ގުޅުމުގެ ވާހަކަތައް މީޑިއާގައި ދޭތެރެ ދޭތެރެއިން ދެކެވުނު ނަމަވެސް ދެތަރިންކުރެ އެކަކު ވެސް އެގުޅުން ޔަގީން ކޮށްދީފައެއް ނުވެ އެެވެ.

އެހެން ނަމަވެސް ފާއިތުވި މަސްތަކުގައި އެ ދެތަރިން ވަނީ އެކުގައި އެކި ތަންތަނުން ފެނިފަ އެވެ. ދެ މީހުން އެކުގައި ސްޕެއިންއަށް ގޮސް ޗުއްޓީ ވެސް ހޭދަ ކޮށްފައިވެ އެވެ.