ބ. އަތޮޅުގައި އޮންނަ ދުސިތު ތާނީ މޯލްޑިވްސް ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު މޫދަށް ވެއްޓި، ގެނބުމާ އެކުގައި އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ދެ ފަތުރުވެރިން ކުރި މަސައްކަތުން އެ މުވައްޒަފު ސަލާމަތްކޮށްދީފި އެވެ.

މި މުވައްޒަފު ސަލާމަތްކޮށް ދިނީ ޖޯޑަން ޑެނިއަލް ވެން ޑައިކް އާއި ޑެނިއެލް ޑި ބްރޫއިން ނަމަކަށް ކިޔާ ދެމަފިރިންނެވެ. އެ ދެމަފިރިންނަކީ އެ ރިސޯޓަށް ހަނީ މޫނަށް އައި ދެމަފިރިންނެވެ.

މި ދެމަފިރިން ރިސޯޓަށް އައިސް އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެ ރިސޯޓު ވޯޓާ ވިލާގެ ޑެކުން މުވައްޒަފު ވެއްޓި ގެނބެން ފެށި އެވެ. އެއާއެކު، ދެމަފިރިން ވަނީ މޫދަށް ފުންމާލައި އެމީހާ ސަލާމަތްކޮށްފަ އެވެ.

ބ. އަތޮޅު ފުލުހުންގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ މި ދެ ފަތުރުވެރިންގެ ހިތްވަރަށް ހުރިހާ ދިވެހިންނާއި ފުލުހުންގެ ފަރާތުން ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ދުސިތް ތާނީގެ މެނޭޖުމަންޓުން މިހާދިސާ އާ ގުޅިގެން އަވަސް ފިޔަވަޅުތައް އަޅައި އަނިޔާވި މުވައްޒަފަށް ވަގުތުން ފަރުވާ ދީފައިވާތީ އެކަމަށްވެސް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ފުލުހުން ވަނީ އެ ދެ ފަތުރުވެރިންގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް ވެސް ދީފަ އެވެ.