ބެލުންތެރިންގެ މެދުގައި މަގުބޫލުކަމެއް ލިބިގެންދިޔަ ޑައިރެކްޓަރު އަޒްހާން އިބްރާހިމްގެ "ދަރަކަ"ގެ ދެވަނަ ސީޒަނެއް ގެނެސްދިނުމަށް ތައްޔާރުވެއްޖެ އެވެ.

"ދަރަކަ"ގެ ފުރަތަމަ ސީޒަނަކީ މީޑިއާނެޓުގެ އެމްއެސް ވީޑިއޯ ކްލަބުން މިދިޔަ އަހަރު ދެއްކި އެންމެ މަގުބޫލު ވެބް ސީރީޒެވެ.

ދިވެހި ފިލްމީ ދާއިރާ ކުލަވަރު ބަދަލުކޮށްލި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ އައި ފިލްމްސްއާ ގުޅިގެން ޝައުގުވެރި އުފެއްދުންތަކެއް ގެނެސްދެމުން އަންނަ ޕްރޮޑިއުސަރު އާސިމް އަލީގެ ކަޒްމިކް އިންޓަނޭޝަނަލްގެ ތައްގަނޑުގައި ގެނެސްދިން ސީރީޒެކެވެ.

ކަޒްމިކް އިންޓަނޭޝަނަލް އިން މި ސީރީޒްގެ ދެވަނަ ސީޒަނެއް ގެންނާނެކަން އިއުލާންކުރަމުން ބުނީ ވަރަށް އަވަހަށް ސީރީޒްގެ ދެވަނަ ބައި ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމަށެވެ. ޖުމްލަ އަށް އެޕިސޯޑުގެ މައްޗަށް ބިނާކޮށް ގެނެސްދިން މި ސީރީޒްގެ ލީޑު ރޯލުން ފެނިގެންދިޔައީ ވާޝިޔާ މުހައްމަދެވެ. އޭނާގެ އިތުރުން މި ސީރީޒް އިން ފެނިގެންދިޔަ ތަރިންނަކީ އިބްރާހީމް ޖިހާދު (ޖިމީ)، އިފްނާޒް ފިރާގު، ނަތާޝާ ޖަލީލު، އަލީ އުސާމް (ދޮނާ) އާއި އައިޝަތު އަލީގެ އިތުރުން ސޫޒަން އިބްރާހިމްފުޅެވެ.

https://www.instagram.com/reel/C6S63EMxRlf/?utm_source=ig_embed&ig_rid=4e73c7de-3349-474e-ae98-35d976215953

މި ސީރީޒްގެ އިތުރުން މިދިޔަ އަހަރު އަޒްހާން ވަނީ "މިރާއީ" ގެ ނަމުގައި ބައިސްކޯފަށް ވެސް ސީރީޒެއް ގެނެސްދީފަ އެވެ.

މި އަހަރު އޮލިމްޕަހުގައި އެޅުވި ފުރަތަމަ ފިލްމު "މީ އިޝްގް" އަކީ އޭނަގެ ފުރަތަމަ ފީޗާ ފިލްމެވެ.