ގައުމުގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާ ކުރާ ދައުރާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

"މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ" ގެ ދެވަނަ ދައުރު އިފުތިތާހު ކުރުމަށް އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ޖަލްސާގައި ސާޖިދާ ވިދާޅުވީ ދިވެހި ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއްކަމަށާއި، އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރު އަދި ވަރަށް ބޮޑަށް މުހިންމުވާ ކަމަށެވެ.

އަދި އެކަމަނާގެ ވާހަކަފުޅުގައި އަންހެން ފުލުހުންގެ ދައުރު މުހިންމުވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނަކަމުގައި ވިދާޅުވި އެވެ. އެހެންކަމުން ފުލުންގެ މުއައްސަސާގެ އެކި ހިދުމަތްތަކުގައި އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި އެކަނބަލުންގެ ބައިވެރިވުމާއި، އެ ކަނބަލުންގެ އިސްކަން ވަރަށް މުހިންމުކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވި އެވެ.

ސާޖިދާ ވިދާޅުވީ ރާއްޖޭގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރައްވާ މުހިންމު ދައުރަށްޓަކައި އެކަމަނާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމުގަ އެވެ. އަދި އެ ގޮތުގައި ކުރިޔަށް ދިޔުމަށް އެކަމަނާ ގޮވާލެއްވި އެވެ.

ހަމަ އެއާއެކު އަންހެން ކަނބަލުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގު ހޯދުމުގެ މުހިންމުކަމަށާއި، ކަނބަލުންގެ ގާބިލުކަން އިތުރުވި ވަރަކަށް މުޖުތަމައުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ހައްލު ލިބުމުގެ މަގު ފަހިވެގެންދާނެކަމުގައި ވިދާޅުވި އެވެ.

މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ 'މޯލްޑިވްސް ވިމެން އިން ޕޮލިސިންގ މަންތްލީ ނިއުސް ލެޓަރ' "ސްޕެޝަލް އިނައުގުރަލް އިޝޫ" ފޮތްވެސް އިފުތިތާހުކޮށް ދެއްވައިފަ އެވެ. މި ފޮތަކީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީން އެކުލަވާލައްވައި ޝާއިއުކޮށްފައިވާ ފޮތެކެވެ.