ސަރުކާރުގެ އަމާޒަކީ، ރައްޔިތުންގެ މަޖިލިސް އިންތިހާބުން ލިބުނު "ސުޕަ މެޖޯރިޓީ" ބޭނުންކޮށްގެން ރައްޔިތުންނަށް އެ ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި، އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއެއް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވުމަށާއި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ވަނީ މި ސަރުކާރުން "ސުޕަ މެޖޯރިޓީ"ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މި ގައުމަށް ތަރައްގީ ގެނައުންކަމުގައި ހީނާ ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ވަނީ ސަރުކާރުގެ އެކި މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި މިފަދަ ނޫސްވެރިންގެ ބައްދަލުވުމެއް މަދުވެގެން ކޮންމެ ހަފުތާއަކު އެއްފަހަރު ބޭއްވެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.