ރޯދަ މަހު ފެނާއި ކަރަންޓް ބިލުން ޑިސްކައުންޓް ދިން ނަމަވެސް ބިލްތައް ބޮޑުވެފައިވާތީ އާންމުން ޝަކުވާ ކުރަން ފެށުމާއެކު އެކަން ސްޓެލްކޯ އާއި ފެނަކައިން ދިފާއުކޮށްފި އެވެ.

ރޯދަމަހުގެ ކަރަންޓާއި ފެން ބިލުތައް، އާންމު މަސްމަހުގައި ހުންނަ މިންވަރަށް ކެޕްކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ބިލުތައް އާދަޔާހިލާފަށް ބޮޑުކަމަށް ސޯޝަލް މީޑިއާގައި އާންމުން އަންނަނީ ޝަކުވާ ކުރަމުންނެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ޑިސްކައުންޓް ދިން ގިނަ ބިލުތައް ރޯދަމަހުގެ ބޮޑު ބަޔަކާ ދިމާވި ކަމަށެވެ. އެނޫން ގޮތެއް މެދުވެރިވީ މަދު ކޮންޒިއުމަރުންތަކަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް ގަބޫލުކުރަން ބައެއް ކޮންޒިއުމަރުން، ބިލިން ސައިކަލްގައި ފޯލްވެފައި އެބަހުރި ރޯދަމަސް ތަންކޮޅެއް ކުޑަކޮށް. އެހެން ނަމަވެސް ޖުމްލަކޮށް އަޅުގަނޑުމެން ބަލައިލާ އިރު ގިނަ އަދަދެއްގެ ކޮންޒިއުމަރުންނަށް ބިލު ކުރެވިފައި މިހުރީ ރަނގަޅަށް،" ފަހުމީ ވިދާޅުވި އެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ރޯދަމަހު ކަރަންޓު ބޭނުން ކުރާ ވަގުތަށް ވެސް ބޮޑު ބަދަލެއް އަންނަ ކަމަށެވެ. އެގޮތުން އާއްމު ދުވަސްތަކުގައި 12:00 އިން 2:00 ޖެހުމާ ހަމައަށް ޕީކްގައި ކަރަންޓު ގިނައިން ބޭނުން ކުރިނަމަވެސް ރޯދަ މަހު މި އަދަދު ހަވީރު 4:00 އިން 6:00 އަށް ކަމަށެވެ.

އެމްޑީ ވިދާޅުވީ ކަރަންޓު ބިލްތަކަށް ޑިސްކައުންޓް ދެނީ ސަރުކާރުން ނިންމަވާ ނިންމެއްގެ މައްޗަށް ކަމަށާ، ސްޓެލްކޯ އިން މި ރޯދަ މަހު ކަރަންޓާއި ފެނުގެ ޑިސްކައުންޓް ދިނުމަށްޓަކައި 20 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހުނު ކަމަށެވެ..

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު. (ފޮޓޯ/ރައީސް އޮފީސް)

މާލެ ފިޔަވައި އެހެން ގިނަ ރަށްތަކަށް ކަރަންޓްގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ފެނަކައިގެ ކޮންޒިއުމަރުންނަށް ފުރަތަމަ ފޮނުވި ބިލަކީ ފެބްރުއަރީ 25، އިން މާޗް 24، އާ ހަމައަށް އޮތް ބިލިން ސައިކަލްގެ ބިލު ކަމަށާއި ޑިސްކައުންޓް ދިނީ އެ ބިލަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބިލްގައި ރޯދައިގެ ކުރީގެ ދުވަސްތައް ވެސް ހިމެނެ އެވެ.

"ފާހަގަކުރެވިފައި އެބަހުރި، ރޯދަމަހާ ގުޅިގެން ކޮންސަމްޕްޝަން (ކަރަންޓު ބޭނުންކުރި މިންވަރު) ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި މި އޮތީ. އެ ވެދާނެ ރޯދަމަހާ އަދި ހޫނު މޫސުމާ ގުޅިގެން، ވަރަށް ބޮޑަށް ރާއްޖޭގެ ހޫނުމިން މައްޗަށް ދިއުމާ ގުޅިގެން އަޅުގަނޑުމެންނަށް ވެސް ފާހަގަކުރެވޭ ކޮންސިއުމްކުރި އަދަދު ވަރަށް ބޮޑަށް އިތުރުވެފައި މި އޮތީ،" މުއާޒު ވިދާޅުވި އެވެ.

މުއާޒް އިތުރަށް ވިދާޅުވީ ފެނަކައިން ޖުމްލަ 25 މިލިއަން ރުފިޔާ ޑިސްކައުންޓްގެ ގޮތުގައި ދީފައިވާ ކަމަށެވެ.

ކަރަންޓު ބިލު ބޮޑުވެފައި ވަނީ ކަރަންޓު ބޭނުން ކުރާ އަދަދު އިތުރުވެގެން ގޮސްފައިވާތީކަން މުއާޒް އަދި ފަހުމީ ވެސް ފާހަގަ ކުރެއްވިއެވެ. އަދި މިފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.