ގައުމީ ދިފާއީ ބާރަށް ދިގު މުއްދަތަކަށް ހިދުމަތްކޮށް ރިޓަޔާކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކު ކުރެވޭނެ ގޮތް ހަދަން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ގައްސާން މިފަދައިން ވިދާޅުވީ ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންގެ ދަސްވެނިވުމަށް މިއަދު ގިރިފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ގައްސާން ވިދާޅުވީ ސިފައިންގެ ހިދުމަތާ ގުޅިވަޑައިންނަވާ ބޭފުޅުންގެ ކުރި މަގަށް ވިސްނުމަށްފަހު، ރައީސް މުއިއްޒު ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ. އެގޮތުން، ދިވެހި އަސްކަރިއްޔާ އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އިތުރުން، ދިވެހި ސިފައިންނަށް ފަރުދީ ގޮތުން ބޭނުންވާ ކަންކަން ހާސިލް ކޮށްދެއްވުމަށް ވެސް އެމަނިކުފާނު ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ގައްސާނު ވިދާޅުވި އެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ސިފައިންގެ ތެރޭގައި ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް ގެދޮރުވެރިކަން މިލްކުވާނެ ގޮތް ރައީސް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

"އެކަން ކަށަވަރުކޮށްދެއްވަން ރައީސް ނިންމަވާފައި އޮތީ ސިފައިންގެ ތެރޭގައި ދިގު މުއްދަތަކަށް ހިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލުކުވާނެ ގޮތެއް ހަމަޖައްސަވާދެއްވަން،" ގައްސާން ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ގައްސާން ވާހަކަފުޅު ދައްކަވަނީ.(ފޮޓޯ/އެމްއެންޑީއެފް)

ސިފައިންގެ ހިދުމަތާއި އަލަށް ގުޅުނު ކުދިންނާއި މުހާތަބުކުރައްވާ ގައްސާން ވިދާޅުވީ ސިފައިންގެ ހިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން އެއްގަމާއި ކަނޑުގައި ބޭނުންކުރާ ވަސީލަތްތަކާއި ހަތިޔާރުތައް ހޯދާދިނުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ސިފައިންގެ ހިދުމަތާއި ގުޅޭ ކުދިން އިތުރުކުރުމަށް ސްކޫލް ނިންމާ އަލަށް ސިފައިންގެ އަށް ވަންނަ ކުދިންނަށް އެކި ދައިރާތަކުން ކިޔަވާދިނުމަކީ ވެސް ރައީސް މުއިއްޒުގެ ވިސްނުން ފުޅެއްކަމަށް ގައްސާން ވިދާޅުވި އެވެ.