މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދުވާފަރި ދާއިރާގެ ވޯޓު ފޮށި އަލުން ގުނަން ޖެހޭ ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ހަތަރު ކެންޑިޑޭޓުން ވާދަކުރި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ 18 ވަނަ މަޖިލީހުގައި ވެސް އެ ދާއިރާ ތަމްސީލް ކުރެއްވި މުހައްމަދު އަލީ އެވެ. އޭނާ އަށް 1074 ވޯޓު ލިބުނު އިރު އެންމެ ގާތުން ވާދަކުރި އަމިއްލަ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހުމާން (އިބްކޯ) އަށް ލިބިފައި ވަނީ 1070 ވޯޓެވެ.

އެހެންވެ އިބްކޯގެ ފަރާތުން މިހާރު ވަނީ އެ ދާއިރާގެ ހުރިހާ ފޮއްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ.

މިކަމާއި މެދުގައި އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި އެކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ މިހާތަނަށް ކޮމިޝަނުން ކުރި މަޝްވަރާތަކަށް ފަހު ނިންމާފައި ވަނީ އެ ދާއިރާގެ ފޮށިތައް ގުނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މީގެ ކުރިން ވަނީ ތިނަދޫ ދެކުނު ދާއިރާގެ ވޯޓު ފޮއްޓެއް ވެސް އަލުން ގުނައިދޭން އެދިފަ އެވެ. އެކަމަކު ކޮމިޝަނުން ނިންމާފައި ވަނީ އެ ދާއިރާގެ ފޮށި ވެސް އަލުން ގުނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.