ނިމިގެން ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރ. ދުވާފަރު ދާއިރާ އަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރޭން އެންމެ ހަތަރު ވޯޓުގެ ތަފާތުން ކެންޑިޑޭޓަކަށް ގޮނޑި ގެއްލިއްޖެ އެވެ.

މިއީ މި އިންތިޚާބުގައި މިހާތަނަށް ނުކުތް އެންމެ ފަރަގު ކުޑަ ނަތީޖާ އެވެ.

ހަތަރު ކެންޑިޑޭޓުން ވާދަކުރި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ 18 ވަނަ މަޖިލީހުގައި ވެސް އެ ދާއިރާ ތަމްސީލް ކުރެއްވި މުހައްމަދު އަލީ އެވެ. އޭނާ އަށް 1074 ވޯޓު ލިބުނު އިރު އެންމެ ގާތުން ވާދަކުރި އަމިއްލަ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހުމާން (އިބްކޯ) އަށް ލިބިފައި ވަނީ 1070 ވޯޓެވެ.

އެހެންވެ އިބްކޯގެ ފަރާތުން މިހާރު ވަނީ އެ ދާއިރާގެ ހުރިހާ ފޮއްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ. އެކަމާ މެދު އިލެކްޝަންސް އިން މިއަދު ގޮތެއް ނިންމާނެ އެެވެ.

ދުވާފަރު ދާއިރާ އަށް ދެން ވާދަކުރި އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އިސްމާއިލް އަހުމަދު (އިއްސެ) އަށް ލިބިފައި ވަނީ 579 ވޯޓެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދަށް ލިބުނީ 77 ވޯޓެވެ.

މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގައި މާވަށު ދާއިރާ އަށް އިންތިޚާބުވި ޕީއެންސީގެ މުހައްމަދު ސައިދު ގޮނޑި ކާމިޔާބު ކުރީ ހަ ވޯޓުގެ ތަފާތުންނެވެ. އެހެންވެ އެ ފަހަރު ދެ ވަނަ އަށް ދިޔަ އިބްރާހިމް ފަލާހު ވަނީ ވޯޓު ފޮށިތައް އަލުން ގުނައިދޭން އެދިފަ އެވެ. ވޯޓު އަލުން ގުނުމުން ސައިދަށް ވަނީ ދެ ވޯޓު އިތުރުވެފަ އެވެ. ބާރަށު ދާއިރާގެ ވޯޓު ވެސް އެ ފަހަރު އަލުން ގުނުމުން ވާދަކުރި ދެ ކެންޑިޑޭޓުންނަށް ވަނީ ހަތް ވޯޓު އިތުރުވެފަ އެވެ.