މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދުވާފަރު ދާއިރާގެ ހުރިހާ ފޮށިތަކެއް އަލުން ގުނައި ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ "ހުރިހާ" އަށް ވިދާޅުވީ ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނައިދޭން ކޮމްޕްލެއިންސް ބިއުރޯގައި އެދުމާ ގުޅިގެން އެކަމާ މެދުގައި މިއަދު ގޮތެއް ނިންމާނެ ކަމަށެވެ.

ހަސަން ޒަކަރިއްޔާ ވިދާޅުވި ގޮތުގައި ވޯޓު ފޮށިތައް ގުނަން އެދުނީ ފަރަގު ކުޑަވީމަ އެވެ. އެކަމަކު، އެ ދާއިރާގެ ވޯޓުލުން ކުރިއަށް ދިޔަ އިރު އެއްވެސް ހިސާބެއްގައި ހަމަނުޖެހުމެއް ނޫނީ މައްސަލައެއް ދިމާވި ކަން ފާހަގަވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ދުވާފަރު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު، މުހައްމަދު އަލީ ކާމިޔާބުކުރެއްވީ ހަތަރު ވޯޓުގެ ތަފާތުންނެވެ. އޭނާއަށް ލިބިވަޑައިގަތީ 1،074 ވޯޓެވެ. އޭނާއާ އެންމެ ގާތުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓު އިބްރާހިމް އަބްދުއްރަހްމާނަށް ލިބުނީ 1،070 ވޯޓެވެ.

މީގެ ކުރިން ތިނަދޫ ދެކުނު ދާއިރާގެ ވޯޓު ފޮއްޓެއް ގުނައިދޭން ވެސް އީސީގައި އެދުނެވެ. އެކަމަކު ކޮމިޝަނުން ނިންމާފައި ވަނީ އެ ވޯޓު ފޮށި ގުނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.