ރައްޔިތުންގެ މަޖިލިހަށް ހޮވާ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅައިފި އެވެ.

ވެރިކަން ބަދަލުވުމުން އެމްޑީޕީގެ 13 މެމްބަރަކު ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފަ އެވެ. ނަމަވެސް އެންޓި ޑިފެކްޝަން ގާނޫނު ނެތުމުން އެ މެމްބަރުން ގޮނޑިއެއް ނުގެއްލެ އެވެ.

މިފަހަރުގެ އިންތިހާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ މިނިވަން ކެންޑިޑޭޓަކު ޕާޓީއަކަށް ސޮއިކޮށްފިނަމަ އަދި ޕާޓީން މެންބަރަކު ވަކިކޮށްފިނަމަ އެ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ އެވެ.

މިހާރު އޮތް އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން މިފަދަ އެއްވެސް ހާލަތެއް ދިމާވެއްޖެނަމަ މެންބަރު އަމިއްލައަށް އިސްތިއުފާ ދޭން ޖެހެ އެވެ. ނަމަވެސް އިސްތިއުފާ ނުދީފިނަމަ ދެން އަމަލުކުރާނެ ގޮތެއް މި ގާނޫނުގައި ބަޔާންކޮށްފައެއް ނުވެ އެވެ.

ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައި ޕާޓީން ވަކިކުރާ މެންބަރުންގެ ތެރެއިން ގޮނޑި ގެއްލޭނީ އެ ޕާޓީއެއްގެ ނިންމުމާ ޚިލާފަށް ވޯޓުދީގެން އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީން ވަކިކުރުމުންނެވެ. އެހެން ހާލަތެއްގައި ޕާޓީން ވަކިކޮށްފިނަމަ މެންބަރުކަމުން ވަކިވާނީ އެ މެންބަރަކު އިންތިޚާބުވީ ދާއިރާގެ ވޯޓުދިނުމުގެ ހައްގު ލިބޭ މީހުންގެ އަޣުލަބިއްޔަތުން ވަކިކުރުމުންނެވެ.

މީގެ އިތުރުން އެއްވެސް މެންބަރެއް ތަމްސީލް ކުރާ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފިނަމަ އެ ޕެޓިޝަން ދިރާސާކޮށް، އޭނާ މަގާމުގައި ބެހެއްޓުމާ ގުޅޭގޮތުން އާންމު ވޯޓެއް ނަގަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ. އެ މެންބަރަކު މަގާމުން ވަކިވާނީ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުންނެވެ.

މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް މިހާރު އޮތް އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން މެންބަރަކު ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ނުލިބެ އެވެ.