މިދިޔަ ހަފްތާގައި އަލިބާގްއިން ގަތް 10،000 އަކަފޫޓުގެ ބިމާއެކު ބޮލީވުޑްގެ ކާމިޔާބު ތަރި އަމީތާބް ބައްޗަންގެ މިލްކިއްޔާތަށް ބޮޅެއް އިތުރުވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މިހާރު އަމީތާބުގެ ނަމަށް ރަޖިސްޓްރީ ކޮށްފައިވާ އެ ބިމަކީ އަލިބާގްގައި މިހާރު ތަރައްގީ ކުރަމުން އަންނަ 20 އޭކަރުގެ ބިމުގެ ތެރެއިންވާ ބިންކޮޅެކެވެ.

ޖުމްލަ 10 ކްރޯޑް ރުޕީސްއަށް އަމީތާބް ގަނެފައިވާ މި ބިމާއެކު އޭނާގެ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ވަނީ އިތުރަށް ފުޅާވެފަ އެވެ.

މި ބިމުގައި އިމާރާތެއް ކުރުމަށް އަމީތާބު ބައެއް ކޮންޓްރެކްޓަރުންނާ މަޝްވަރާ ކޮށްފައިވާއިރު އަދި ނިންމުމެއް ނުނިންމާ ކަމަށް ހަބަރުތައް ބުނެ އެވެ.

އަމީތާބަކީ ބޮލީވުޑްގެ އެންމެ މުއްސަނދި އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރަކަށް ވާއިރު މިހާރުވެސް އޭނާގެ ގިނަ ބިންތަކާއި ގެތައް މުމްބާއީގައި ހުރެ އެވެ.