މަޖިލީހުގެ އިންތިހާބުގެ ކާމިޔާބީއާ އެކީ ދިވެހީން ތިބި ގޮތް ބައިނަލް އަގުވާމީ މުޖުތަމައަށް ސާފުވެގެން ގޮސްފި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރަން މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ޖަލްސާގައި ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަކީ ބޭރުގެ ނުފޫޒުތަކުން ދުރުވެ ދިވެހީން، ދިވެހި ދައުލަތް ހިންގަންވާ ގޮތް ނިންމުން ކަމަށެވެ.

އެމަނިކުފާނު މިރޭ ވަނީ އިދިކޮޅު އެމްޑީޕީއަކީ މި ގައުމުގެ ދުޝްމިނުންގެ ގޮތުގައި، ސިފަކުރައްވާފަ އެވެ.

"...[ދިވެހިން ތި ގޮތް] އަޅުގަނޑުމެން އެތެރޭގައި ތިބި އެބަޔަކު ވަކި އެޖެންޑާއެއް ގެންގުޅުއްވަން އުޅުއްވި ބޭފުޅުންނަށް ވެސް ސާފުވެވަޑައިގަންނަވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ގައުމުގެ ކުރިމަގު އުޖާލާ ވެގެންދާކަން މިއަދު ކަށަވަރު ވެއްޖެ ކަމަށެވެ. އަދި ގައުމު ނުބައި މިސްރާބަކަށް ދަނިކޮށް ރަނގަޅު މިސްރާބަކަށް 2023 ވަނަ އަހަރު ރައްޔިތުން ގެނެސްދިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ފާއިތުވި ފަސް މަސް ދުވަހު ކަންކަން ކުރެވުނީ ލަހުން ކަމަށާއި މަޖިލީހުގެ ސުޕަ މެޖޯރިޓީއާ އެކު ދެން އޮތީ މަސައްކަތުގެ ދުވެލި އަވަސްކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދެން ފެށޭނީ ގައުމު ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ހަލުވި ކުރުމަށް ވަޒީރުން 24 ގަޑިއިރު ހޭލާ ތިބުމަށް އެމަނިކުފާނު އަންގަވާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިރޭގެ ވާހަކަފުޅުގައި ރައީސް ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުން އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ތަކުރާރުކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ގެދޮރުވެރިކަން ގިނަ ރައްޔިތުންނަށް ނުލިބި އޮތްއޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

ގިނަ ބައެއްގެ ޝަކުވާ އަކީ މި ސަރުކާރުން އަމަލުން ކަންކުރާ ތަން ނުފެނުން ކަމަށާއި ދެން ރައްޔިތުންނަށް ފެންނާނީ އެ މަންޒަރު ކަމަށް ރައީސް ވިދާޅުވި އެވެ.