އަންނަ މަހު ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލިހަށް 93 މެމްބަރުން އިންތިހާބު ކުރުމުގެ ވޯޓުލުން ފަށައިފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލާން ފަށާފައި ވަނީ 8:00 ގަ އެވެ. އަދި ވޯޓުލުން ކުރިޔަށް ގެންދާނީ ހަވީރު 5:30 އާ ހަމަޔަށެވެ.

މިފަހަރުގެ އިންތިޚާބުގައި 602 ވޯޓު ފޮއްޓެއް ބަހައްޓާފައިވެ އެވެ. މިގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި، 34 ރިސޯޓް، ޖަލުތަކާއި ސިނާއީ ރަށްތައް އަދި ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައި ވޮޓު ފޮށި ބަހައްޓާފައިވެ އެވެ.

ވޯޓު ފޮށިތައް ބަހާފައިވާ ގޮތް:

  • މާލެ: 181 ފޮށި
  • ވިލިމާލެ: 9 ފޮށި
  • ހުޅުމާލެ: 51 ފޮށި
  • އަތޮޅުތަކުގައި: 319 ފޮށި
  • ރިސޯޓުތައް: 34 ފޮށި
  • ޖަލުތައް: 5 ފޮށި
  • ރާއްޖޭން ބޭރުގައި: 3 ފޮށި

ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓި ގައުމުތަކާއި ވޯޓުލުން ކުރިއަށްދާނެ ގަޑިތައް:

  • އިންޑިއާގެ ޓްރިވެންޑްރަމް - 8:30 އިން 6:00 އަށް
  • ސްރީލަންކާގެ ކޮލޮމްބޯ - 8:30 އިން 6:00 އަށް
  • މެލޭޝިއާގެ ކުއާލަލަމްޕޫރު - 11:00 އިން 8:30 އަށް
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ވޯޓު ގުނުމުގެ މަސައްކަތް އިލެކްޝަންސްގެ އޮފިޝަލުން ކުރަނީ. ފޮޓޯ | ހުރިހާ

މިފަހަރުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވީހާ ވެސް ފަސޭހައިން ވޯޓު ލެވޭނެ އިންތިޒާމުތައް ހަމަޖައްސައިފަ އެވެ. އެގޮތުން ކޮންމެ ވޯޓު ފޮށްޓަކަށް އެންމެ ގިނަވެގެން ވޯޓު ލާނީ 500 މީހުން ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އެ ކޮމިޝަނުން ވަނީ ވީހާވެސް އަވަހަށް ވޯޓުލާން އެދިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް މާލޭގައި ހަދާފައިވާ މަރުކަޒެއްގައި މީހަކު ވޯޓުލަނީ. ފޮޓޯ: އިލެކްޝަންސް

އެ ކޮމިޝަނުން ބުނީ މިފަހަރުގެ އިންތިޚާބުގައި އެއްވެސް ސަބަބަކާއި ގުޅިގެން ވޯޓުލާނެ ވަގުތު އިތުރު ނުކުރާނެ ކަމަށެވެ. އެހެންކަމުން ވޯޓުލާ ގަޑިއަށް ވިހާ ވެސް ބޮޑަށް ސަމާލުކަން ދިއުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވެ އެވެ.

މިއީ އެންމެ ގިނަ ދާއިރާއަށް މެމްބަރުން އިންތިހާބުކުރާ ފަހަރު

މިފަހަރުގެ އިންތިޚާބުގައި ރާއްޖޭގެ 93 ދާއިރާއަކަށް ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ ވޯޓުލުން ބަންދުކުރި އަންގައި ނޯޓިސް ހަރުކޮށްފައި. ފޮޓޯ | ހުރިހާ

މިއީ ރައްޔިތުންގެ މަޖިލީހަށް އެންމެ ގިނަ ދާއިރާ ކަނޑައަޅާފައިވާ ފަހަރެވެ. މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ހިމެނެނީ 87 ދާއިރާ އެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވުރެ 6 ދާއިރާ އިތުރެވެ.

މުޅި އާޓިކަލް ލޯޑު ކޮއްލާ...