މިދިޔަ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކެއް ކަމަށް ހަދައިގެން ވެސް ކުރިއަށް ގެންދިޔުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

އައްޑޫގައި ރޭ ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 36 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އެގޮތުން ޕީއެސްއައިޕީ އިން އެންމެ ގިނަ މަޝްރޫއުތައް ހިންގީ އައްޑޫގައި ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ. އެއީ ހަތް ބިލިއަން ރުފިޔާގެ މަޝްރޫއުތައް ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން ބިން ހިއްކުމާއި މަގުތައް ހެދުމާއި އެއާޕޯޓު ތަރައްގީކުރުމާއި ރިސޯޓުތައް ތަރައްގީކުރަން ރައްތައް ހެދުމަށް، އަދި ގެސްޓުހައުސްތައް ތަރައްގީކުރުމާއި ހަންކެޑެ ތަރައްގީ ކުރުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ ރައީސް ޑރ. މުއިއްޒަށް މިކަންކަންތައްތައް ކުރިއަށް ގެންދެވުމަށް. އަޅުގަނޑަށް އެންމެ ރަނގަޅު، މާތްކަލާކޯ ތި އެއާޕޯޓަށް ކޮންމެ ނަމެއް އެބޭފުޅާ ވިދާޅުވިޔަސް. ބޭރުގައި ރައީސް ޑރ. މުއިއްޒު އެއާޕޯޓު ޖެއްސެވިޔަސް މައްސަލައެއް ނެތް. ޖައްސަވަންވީ. ތިމަންނާއޭ މަގުތައް މިހަދަނީ ކިޔާފައި ހެއްދެވިޔަސް މައްސަލައެއް ނެތް. ކުރިއަށް ގެންދަވާ. އެކަން ނިންމަވާ،" ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، ފުށިދިއްގަރުފަޅު ތަރައްގީކޮށްގެން މާލޭގެ ތޮއްޖެހުމަށް އެއްވެސް ބަދަލެއް އަންނާނެކަން ގަބޫލްނުކުރެވޭ ކަމަށެވެ. މާލޭގެ ތޮއްޖެހުމަށް ހައްލު ހޯދަން ބޭނުން ނަމަ ތަރައްގީކުރަން ޖެހޭނީ އައްޑޫ ސިޓއާއި، ތިނަދޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީ ކަމަށް ސޯލިހު ވިދާޅުވި އެވެ.