ވެރިކަމަށް އަންނަން ރައްޔިތުންނަށްވި ވައުދުތައް ފުއްދުމަށް 200 އަށް ވުރެ ގިނަ ގާނޫނު ފާސްކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ސަޕޯޓަރުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުން ނަތީޖާ ނެރުމަށް މަޖިލިސް އިންތިހާބު ކާމިޔާބުވުން ވަރަށް މުހިންމު ކަމަށެވެ. ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި މަޖިލީހުގެ ދައުރު ވަރަށް ބޮޑު ކަމަށް ރައީސް ވިދާޅުވާ ވާހަކަ ރޭ ވެސް ތަކުރާރު ކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުންވެފައިވާ ވައުދުތައް ފުއްދުމަށް 200 އަށް ވުރެ ގިނަ ގާނޫނު ފާސްކުރަން ޖެހޭއިރު މިއީ މަޖިލީހުގެ އެއްބާރުލުން ނެތި ނުކުރެވޭނެ ކަމެކެވެ. އޭގެ ތެރޭގައި ގާނޫނަށް ގެންނަ އިސްލާހުތައް ވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނާ ރޭ ބައްދަލުކުރައްވައި ވާހަކަދައްކަވާއިރު އެތަނުގައި ބަޔަކު މަޑުކޮށްލައިގެން. ފޮޓޯ: ޕީއެންސީ

"އެންމެ މުހިއްމު ކަންކަމުގެ ތެރޭގައި ބިމާ ބެހޭ އާ ބިލަކާއި ބޯހިޔާވަހިކަމާ ބެހޭ ހާއްސަ ބިލަކާއި ރިއަލް އެސްޓޭޓާ ބެހޭ ބިލަކާއި ދުނިޔޭގެ ތަރައްގީވެފައި ބައިބޯވެފައި ހުރި ސިޓީތަކުގައި ހުރި ކަހަލަ ކަންކަން ބައްޓަން ކުރުމަށް ހަދާފައި ހުރި ބިލްތައް.. މި ކަންކަމެއް ނުވާނެ، މި ވިސްނުމުގައި މިކަންކަން ކޮށްދިނުމުގެ ވިސްނުމުގައި ބަޔަކު ހިޔާރުނުކޮށްފިއްޔާ،" ހިޔާ ސަރަހައްދުގައި އުޅޭ މަދު ބަޔަކާ ބައްދަލުކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ މިހާރު އިދިކޮޅު އެމްޑީޕީއަށް އޮތްއިރު އެ ޕާޓީގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ނުލިބޭ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ފާއިތުވި އަހަރުތަކުގައި ފެނިގެންދިޔައީ ބަދަލު ހިފުމާއި ސިޔާސީ މީހުން ހިފާ ހައްޔަރުކުރުމުގެ ނުބައި އޮއިވަރެއްގައި ރާއްޖެ އޮއްވައި އެވެ. އެކަމަކީ އެ މަނިކުފާނު ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވެ، ރައީސް ވަނީ ގައުމުގެ ހަމަޖެހުން ނަގާލުމާއި ބަދަލު ހިފުމުގެ ރޫހު ނައްތާލުމަކީ އެ މަނިކުފާނު ވައުދުވެވަޑައިގަތް ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަބަދުވެސް މަސައްކަތް ކުރައްވާނީ އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކު ހަމަޖެހުން ގާއިމުކުރުމަށް ކަމަށް ވިދާޅުވާ ރޭ ވެސް ތަކުރާރުކުރެއްވި އެވެ.

ރިޔާސީ އިންތިހާބުގައި ދެ ބުރު ވެސް ބޮޑު މެޖޯރިޓީއެއް ދިން ހިޔާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާއަށް އެއްވީ ވަރަށް މަދު ބައެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ފާޑުކިޔަމުންނެވެ.