މާލޭގެ ގެއަކުން ވަގަށް ބިލެތް ކަނޑަން ތިބި ބަޔަކު ކުށުގެ ވެށިން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، މ. ހަވާއީގައި އޮތް ބިލެތް ޅޮހަކުން ވަގަށް ބިލެތް ކަނޑަން ތިއްބައި ދެ މީހަކު އަތުލައިގަތީ ހެނދުނު 8:00 ހާއިރު ކަމަށެވެ. އެމީހުން ވަގަށް ގެންދަން އުޅުނު ދެ ބަސްތާ ބިލެތް ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 43 އަހަރުގެ މީހަކާއި 63 އަހަރުގެ މީހެއް ކަމަށް ޝިފާން ވިދާޅުވި އެވެ.

މި ރޯދަ މަހު މާލެ އާއި ބައެއް ރަށްރަށުގައި ވައްކަމުގެ މައްސަލަތައް އިންތިހާ އަށް ވަނީ އިތުރުވެފަ އެވެ. މި ރޯދަ މަހުގެ ފުރަތަމަ 15 އާ ހިސާބަށް މާލެ ސަރަހައްދުން ވައްކަމުގެ 110 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާއިރު އެފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުންގެ ވެސް ގިނަ މަސައްކަތަކެއް ދަނީ ކުރަމުންނެވެ.