ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް އޮތް އީދު ބަންދު ނިންމެންދެން މެދުކަނޑާލުމަށް ނިންމައިފި އެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް ނިންމެވީ ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވުމާ ގުޅިގެން ކަމަށެވެ. އަދި މިހާތަނަށް މަޖިލީހުން އަމަލުކޮށްފައިވާ ގޮތުން ޖަލްސާތައް ބާއްވަމުން އައީ ސަރުކާރު ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ

މީގެ އިތުރުން މަޖިލީހުގެ މުވައްޒަފުންގެ މަސައްކަތު ގަޑި ވެސް ސަރުކާރު މުވައްޒަފުންގެ މަސައްކަތު ގަޑިއާ އެއްގޮތަށް އޮންނައިރު ހޯމަ ދުވަހު ބޭއްވި ޖަލްސާގެ މަސައްކަތުގައި ވެސް މުވައްޒަފުން އުޅުނީ ޗުއްޓި ދުވަހެއްގެ ގޮތުގައި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ޢީދު ބަންދަށްފަހު މަޖިލީހުގެ ޖަލްސާތައް ފަށާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި ނަމަވެސް ޖަލްސާތައް ފަށާނެ ވަކި ތާރީހެއް އިއުލާނެއް ނުކުރައްވަ އެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވާއިރު މިހާރު ވެސް 19 ވަނަ މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ބައެއް މަސައްކަތްތައް އަދިވެސް ހުރީ އެކި މަރުހަލާތަކުގައި ނުނިމި އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު އަންނަ މަހުގެ 27 ވަނަ ދުވަހަށް ހަމަވާއިރު، 20 ވަނަ މަޖިލިސް ހޮވުމަށް ބާއްވާ އިންތިޚާބު މި މަހުގެ 21 ވަނަ އޮންނާނެ އެވެ.