ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް އައްޔަންކުރި މޭޖާ، ރިޓަޔާޑް ތަލްހަތު ހަސަން މަގާމާ ހަވާލުވެވަޑައިގެންފި އެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތަލްހަތު ވަނީ މަގާމުގެ ހުވާކުރެއްވުމަށްފަހު ގަރާރުގައި ސޮއި ކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން މަޖިލީހުގެ އިދާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ސާޖަންޓް އެޓް އާމްސްގެ މަގާމަށް ތަލްހަތު އައްޔަން ކުރައްވާފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

ތަލްހަތު ވަނީ ގައުމީ ދިފާއީ ބާރުގައި 21 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައި، މޭޖާ ޖެނެރަލްގެ މަގާމުގައި ރިޓަޔާ ކުރައްވާފަ އެވެ. އެއަށްފަހު ސްޓެލްކޯގެ ބޯޑު މެންބަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފަ އެވެ.

މަޖިލީހުގެ ސާޖަންޓް އެޓް އަރމްސްގެ މަގާމުގައި ކުރިން ހުންނެވީ މުހައްމަދު ހަލީމެވެ. އޭނާއާ ގުޅޭ މައްސަލައެއް މަޖިލީހުން ބަލަމުންދާތީ، އެ މަގާމުން އޭނާ ވަކިކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.