މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އިންޑިއާ އިން ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން އެއް ބިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މާލޭގައި ރޭ ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ސޯލިހް ވިދާޅުވީ ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުން އަންނަނީ ފަތުރުވެރިކަމުގެ ދާއިރާ އިން ކަމަށެވެ. އެކަމަކު، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައި އޮތް ގޮތުން ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު އިންތިހާ އަށް މަދުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ތިން އަހަރު ވެސް ރާއްޖެ އަށް އެންމެ ގިނަ އިން ފަތުރުވެރިން އައީ އިންޑިއާ އިންނެވެ. މީގެ އަސަރު މިހާރު ވެސް ރާއްޖޭގެ އިގްތިސާދަށް ކުރަމުން އަންނަ ކަމުގައި ސޯލިހް ވިދާޅުވި އެވެ.

"މިދިޔަ އަހަރު ފުރަތަމަ ތިން މަސް ތެރޭ 53،000 އެތައް ޓޫރިސްޓުންނެއް ރާއްޖެ އައި. އެހެން ނަމަވެސް މި އަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 33،000 އަށް މަދުވެފައި. 20،100 ޓޫރިސްޓުން މަދުވެއްޖެ." ސޯލިހް ވިދާޅުވި އެވެ.

ސޯލިހް ވިދާޅުވި ގޮތުގައި މީގެ ސަބަބުން މި ތިން މަސް ތެރޭގައި ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާ އަށް ބެލި ކަމުގައި ވިޔަސް ގެއްލުން 58 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އަދި އެ ދާއިރާއާ ގުޅިފައިވާ އެހެން ދާއިރާތަކަށް ލިބުނު ގެއްލުން އެއްކުރުމުން، ގެއްލުމުގެ އަގު ގާތްގަނޑަކަށް 68 މިލިއަން ޑޮލަރަށް ވުރެ އިތުރުވާ ކަމަށާއި މިއީ އެއް ބިލިއަން ރުފިޔާގެ ގެއްލުމެއް ކަމުގައި ސޯލިހް ވިދާޅުވި އެވެ.

"ދައުލަތަށް ލިބެމުންދާ އާމްދަނީ މަދުވަމުންދާ ސަބަބުތަކަކީ މިއީ. އިގުތިސާދީ ސިޔާސަތެއް، ތަސައްވުރެއް ނެތް. ހަމައެކަނި ޓެކްސްގެ ގޮތުގައި މި ލިބޭ އާމްދަނީ އިތުރުވެގެން މިދަނީ މި ވޭތުވެދިޔަ އަހަރު ޓެކްސްގެ ނިޒާމަށް އަޅުގަނޑުމެންނަށް ގެނެވުނު ބަދަލެއްގެ ސަބަބުން. އިތުރު އެއްވެސް ކަމެއް ނުކުރޭ. އަޅުގަނޑުމެން ނުވިސްނާ މިހެން ދޫކޮށްލައިގެން ތިބެއްޖެ ނަމަ، އަޅުގަނޑުމެންގެ ހާލަތު އަޅުގަނޑުމެން ހީނުކުރާ ހިސާބަށް އިގްތިސާދީ ގޮތުން ވެއްޓިގެންދާނެ،" ސޯލިހް ވިދާޅުވި އެވެ.

ސޯލިހް ވިދާޅުވީ އެމަނިކުފާނު 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އިރުގައި އިގްތިސާދު އޮތީ މާ ރަނގަޅަކަށް ނޫން ކަމަށެވެ. ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ބަޖެޓަށް ބޭނުންވާ 200 މިލިއަން ޑޮލަރު ހޯދާފައިވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަޝްރޫއުތައް ހިންގުމަށް 800 މިލިއަން ޑޮލަރު ކަށަވަރު ކުރެއްވި އިރުގައި ރިޒާވް ރަނގަޅު ކުރުމަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕެއް ބޭނުން ގަޑިއެއްގައި ބޭނުން ކުރެވޭ ގޮތަށް ހޯދި ކަމަށް ސޯލިހް ވިދާޅުވި އެވެ.

"އެ ހުރިހާ ކަމެއް ކޮށްފައި އަޅުގަނޑުމެން މަސައްކަތް ފެށީ. ގުޅީފަޅު ހިއްކަން އަޅުގަނޑުމެން ފެށީ ފައިސާ ހޯދާފައި. ރިސާޗުތައް ހަދާފައި. ޕްލޭންކޮށްފައި. އެހެންވީމަ ގުޅީފަޅު ނުހުއްޓި ކުރިއަށް އެ ދަނީ. އެއާ އެއްގޮތަށް ޖޫން މަހުގެ ތެރޭގައި ގުޅީފަޅުން އަޅުގަނޑުމެން ބޭނުންވާ ވަރަށް ހިއްކާ ނިމި އެ ތަނުގެ ބޭނުން ކުރެވެން ފަށާނެ. ނަމަވެސް ފުށިދިއްގަރުފަޅު ހުއްޓިފައި އެއޮތީ އެއްވެސް ޕްލޭނެއް ނެތި އެކަން ކުރީމަ." ސޯލިހް ވިދާޅުވި އެވެ.

ސޯލިހް ވިދާޅުވި ގޮތުގައި މި ސަރުކާރަކީ ޕްލޭނެއް ނެތި، ފައިސާ ވެސް ނުހޯދައި ހަމައެކަނި ފޮޓޯއެއް ނެގުމަށްޓަކައި ކަންކަން ކުރަމުންދާ ސަރުކާރެކެވެ. ސޯލިހް ވަނީ ފުށިދިއްގަރުފަޅު މަޝްރޫއު އަލުން ޕްލޭން ކުރުމަށް ގޮވާލައްވައިފައެވެ. އަދި ފައިސާ ހޯދައި، ވެލި ހުރިތޯ އާއި އީއައިއޭ ހެދުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.