ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް މި ސަރުކާރުން ހުއްޓާލީ ދައުލަތުގެ ބަޖެޓުން އެ މަޝްރޫއަށް 115 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނިކޮށް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަގޫދޫގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ފެށީ ސޯލިހުގެ ސަރުކާރުންނެވެ. އެއީ އެމަނިކުފާނުގެ ވައުދެކެވެ.

މީގެ ދުވަސްތަކެއް ކުރިން އެ އެއާޕޯޓްގެ މަސައްކަތް ހުއްޓާލާފައިވާތީ މަގޫދޫ ރައްޔިތުން އަންނަނީ މުޒާހަރާ ކުރަމުންނެވެ.

އެމްޑީޕީގެ ޓިކެޓްގައި ގަލޮޅުގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ މަގޫދޫ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ވަނީ ފެށިފައި ކަމަށެވެ. އަދި މަސައްކަތް ހުއްޓުވިއިރު، ފަޔާ ސްޓޭޝަންގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓުވައި ނިލަންދޫގައި އެއާޕޯޓް އަޅަން ހަވާލުކުރީ އެ ދާއިރާއަށް ވާދަކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮށްކޯފުޅު ފާތިމަތު ސައުދާއަށް އެ ގޮނޑި ކާމިޔާބުކޮށްދިނުމަށް ކަމަށެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރުން ތިބޭނީ މަގޫދޫ ރައްޔިތުންނާއެކުކަން ފާހަގަކުރައްވައި ސޯލިހު ވަނީ އެރަށު ރައްޔިތުން ކަންބޮޑުނުވުމަށް އިލްތިމާސްކުރައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ މަގޫދޫ ރައްޔިތުން ބޭނުންނަމަ އެކަމާ ދެކޮޅަށް އިހްތިޖާޖު ވެސް ކުރަންވީ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާގައި ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލަތް) އެކަމާ ގުޅޭގޮތުން ކުއްލި މައްސަލައެއް ހުށަހަޅުއްވާނެ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

ސަރުކާރަކުން ފަށާފައި އޮތް ކަމެއް ދެން އަންނަ ސަރުކާރަކުން ހުއްޓުވައިގެން ނުވާނެ ކަމަށާއި އެމްޑީޕީ ސަރުކާރުން އެފަދަ ކަންކަމުގައި މިސާލު ދައްކާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ފަށާފައި އޮތް ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމަނިކުފާނުގެ ސަރުކާރުން ނިންމާފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ބިލެއްދޫ ދާއިރާގެ މެމްބަރު ދޮންބިލަތް ވެސް ވަނީ މަގޫދޫ ރައްޔިތުންގެ ހައްގުގައި ކުރެވެން އޮތް ހުރިހާ ކަމެއް އެމްޑީޕީން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.