ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މެދުހެންވޭރު ދާއިރާ އަށް ވާދަކުރައްވަން ނިންމެވި ވިޔަފާރިވެރިޔާ ހަސަން ޝިޔާމް (ވީބީ ހަސަން) އާ މެދުގައި ވެރިކަން ކުރާ ޕީއެންސީން ކަން ކުރި ގޮތާ މެދުގައި ހިތްހަމަނުޖެހި ހަސަން ޝިޔާމްގެ ސަޕޯޓަރުންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ގޮސް ޝަކުވާކޮށްފި އެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު އޮންނަ މަޖިލިހުގެ އިންތިހާބުގައި ވީބީ ހަސަން އެންމެ ފުރަތަމަ ވާދަކުރައްވަން ނިންމެވީ ޕީއެންސީގެ ޕްރައިމަރީގަ އެވެ. އެކަމަކު، ޕީއެންސީން ނިންމީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހަސަން ޝިޔާމަށް ނުދޭށެވެ. ހަސަން ޝިޔާމްގެ އިތުރުން އެހެން ބައެއް ކެންޑިޑޭޓުންނަށް ވެސް ޕަރައިމަރީން ފުރުސަތު ނުދޭން ނިންމި އެވެ.

އެކަމަކު، އެ ޕާޓީގެ ލީޑަރު އަދި ރައީސް މުއިއްޒު ވަނީ އެ ނިންމެވުން ބަދަލު ކުރައްވައި ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ފުރުސަތު ހުރިހާ ކެންޑިޑޭޓުންނަށް ދިނުމަށް ނިންމަވައިފަ އެވެ. ޕީއެންސީން ފުރަތަމަ އެގޮތަށް ނިންމީ ބައެއް ކެންޑިޑޭޓުންނަކީ ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރާ އަދި އެކަށީގެންވާ ހިދުމަތެއް ނުކުރާ ކެންޑިޑޭޓުންތަކެއް ކަމަށް ބުނެ އެވެ.

ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ދިން ނަމަވެސް ހަސަން ޝިޔާމް ޕްރައިމަރީގައި ނިންމެވީ ވާދަ ނުކުރެއްވުމަށެވެ. އަދި އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާ ގޮތަށް ނިންމަވައި ކެމްޕެއިން ކުރިއަށް ގެންދެވި އެވެ. އެކަމަކު، ސުޕްރީމް ކޯޓުން ވަނީ ހަސަން ޝިޔާމްގެ ކެންޑިޑެސީ ބާތިލް ކުރުމަށް ދާދި ފަހުން ހުކުމްކޮށްފަ އެވެ.

ރައީސް ޑރ. މުއިއްޒު މިއަދު ވަނީ މެދުހެންވޭރު ދާއިރާ އަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ހުސެއިން ނާސިހު (ލަވްލީ) އަށް ތާއީދު ހޯއްދެވުމަށް އެ ދާއިރާގައި ދޮރުން ދޮރަށް ހިންގަވައިފަ އެވެ. ރައީސް އެ ސަރަހައްދަށް ވަޑައިގަތުމުން ރައީސްގެ އަރިހަށް ވަނީ އެ ދާއިރާގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެމަނިކުފާނު ކަން ކުރެއްވީ ރަނގަޅަށް ނޫން ކަމަށް ބުނެފަ އެވެ.

އެގޮތުން ރިޔާސީ އިންތިހާބުގައި އެ ދާއިރާގެ ހަތަރު ފޮށިން މެޖޯރިޓީ ވޯޓު ރައީސް ޑރ. މުއިއްޒަށް ލިބިވަޑައިގަތީ ހަސަން ޝިޔާމްގެ މަސައްކަތުން ކަމަށާއި ނާސިހު ކުރި ކަމެއް ނޯންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އައިޝަތު އުސާމާ ވަނީ ނާސިހަކީ ކުރިން އެމްޑީޕީގެ މެމްބަރެއް ކަމަށް ބުނެ، ދޮރުން ދޮރަށް ހިންގެވުމަށް ރައީސް މުއިއްޒު ވަޑައިގަތުމުން ވެސް އެ ދާއިރާ ރައްޔިތުން ނުކުމެފައި ނުވަނީ ކީއްވެތޯ ސުވާލު އުފައްދައިފަ އެވެ.

އެ ސަރަހައްދަށް އެއްވެތިބި އެ ދާއިރާގެ ރައްޔިތުން ވަނީ ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދޭނެ ކަމަށް ބުނެ އަޑު އުފުލައިފަ އެވެ. ރައީސް އަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމާ ގުޅިގެން އެމަނިކުފާނު ރައްދު ވެސް ދެއްވަ އެވެ. ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނު ކުރެއްވި ކަމެއް ނޯންނާނެ ކަމަށާއި އެމަނިކުފާނާ ބެހޭ ގޮތުން ހެއްދެވީ ހުސް ދޮގު ކަމަށެވެ.

"ތިބޭފުޅާއާ އެއްކޮށް އަޅުގަނޑުމެން ފޮޓޯ ނަގާފައި ލޯބިން އަޅުގަނޑުމެން ހޮވި ރައީސްއެކޭ ތިއީ، ވަރަށް ލޯބިން ހޮވާފައި ބޭންދި ރައީސްއެއް ތިއީ. އެކަމަކު އަޅުގަނޑުމެންގެ ދާއިރާގެ ހަސަން ޝިޔާމްއަށް މަނިކުފާނު ކަންތައް ކުރެއްވީ ވަރަށް ގޯސްކޮށް." އުސާމާ ބުންޏެވެ.

ހަސަން ޝިޔާމްގެ ކެންޑިޑަސީގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ކެންޑިޑަސީ ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، މިހާރުގެ މެމްބަރު އަލީ އާޒިމްގެ ކޮއްކޮ އިލްޔާސް އަހުމަދު އެވެ.

ހަސަން އާއި އީސީއާ ދެކޮޅަށް އިލްޔާސް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ޝިޔާމްގެ ކެންޑިޑަސީ އީސީން ބަލައިގެންފައިވަނީ، ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ މީހަކަށް ވުމުން ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާއިރު ކަމަށެވެ.

ހަސަން ޝިޔާމްގެ މައްޗަށް އޮތް ކަމަށް ބުނާ ސާބިތު ދަރަންޏަކީ އޭނާ ހިމެނޭހެން 11 މީހަކު ޒިންމާވާ ގޮތަށް އޮތް ދަރަންޏެކެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ފަރާތުން ކްރިސްޓަލް ލެގޫން ރިޒޯޓްސްއަށް 16 ފެބްރުއަރީ 2006 ގައި 10 މިލިއަން ޑޮލަރުގެ ލޯނެއް ދޫކުރި އެވެ. އަދި 18 ޖޫން 2008 ގައި 64 މިިލިއަން ޑޮލަރުގެ ލޯނެއް ވެސް ދޫކުރި އެވެ.