ހެލްތު އިންޝުއަރެންސް ނިޒާމް ހަރުދަނާކޮށް، މިހާރު އެ ހިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް ގދ. ގައްދޫ ހުސައިން ތައުފީޤް، ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސާ ހުސައިން ތައުފީޤު ކުރެއްވި ސުވާލަކީ އަމިއްލަ ފަރުދުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަ ލިބޭނެ ގޮތަކާމެދު އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ހެލްތު އިންޝުއަރެންސްގެ ނިޒާމަކީ ވަކި އުސޫލުތަކެއް ކަނޑައެޅިފައި އޮންނަ ކަމަކަށްވުމުން، ކަމާއިގުޅޭ ފަރާތްތަކާއެކު މިކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

"މަޝްވަރާކުރާނަން، ކަމާބެހޭ އިދާރާތަކުގައި ދަންނަވާނަން، މިހާރަށްވުރެ ރަނގަޅުގޮތަކަށް ޚާއްސަކޮށް އާއްމު ފަރުދުން، ހެލްތު އިންޝުއަރެންސްގެ ނިޒާމުގެތެރެއިން ބައިވެރިވެގެން ކުރިއަށްދާއިރު، ތި ވިދާޅުވި ކަންތައް ބަލައިދީ، ރަނގަޅުގޮތެއް ހަދައިދިނުމަށް ދަންނަވާނަން،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ގެންދަވަނީ އާއްމުންނަށް ސިއްހީ ހިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ހައްލު ހޯދާދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އާސަންދައިގެ ދަށުން ސަރުކާރުގެ ސިއްހީ ހިދުމަތް ދެމުން އަންނަ ތަންތަން މެދުވެރިކޮށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމްވަނީ ހަމަޖައްސަވާފަ އެވެ.

އަދި ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ދެ ފަރުވާއެއް ކަމަށްވާ، އައިވީއެފް އާއި އައިޔޫއައިއަށް އާސަންދައިގެ ދަށުން އެދުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް ވެސް ވަނީ ތައްޔާރުވެފަ އެވެ.