ހުޅުމާލޭގައި ރޭ އޮތް މާހެފުމެއްގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގެންނެވީ އުސޫލާ ހިލާފަށް ކަމަށް ބުނެ އެމައްސަލަ ބަލާނެ ކަމަށް ކަރެކްޝަނުން ބުނެފި އެވެ.

ގޭ ބަންދުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް ޔާމީން ރޭ ބައިވެރިވެވަޑައިގެންފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް އަހުމަދު ލަތީފްގެ ފަރާތުން ބޭއްވި މާހެފުމެއްގަ އެވެ.

ކުރީގެ ރައީސް ޔާމީން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) މިހާތަނަށް ރެޖިސްޓްރީ ކޮށްފައި ނުވި ނަމަވެސް އެ ޕާޓީގެ ތާއިދާއެކު މަޖިލީހުގެ އިންތިހާބަށް ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރައްވަ އެވެ. އޭގެ ތެރެއިން ރޭ ވަނީ ހުޅުމާލޭ އުތުރު ދާއިރާއަށް ވާދަކުރައްވާ ލަތީފްގެ ކެމްޕޭން ޖަގަހަ އެއް ވެސް ހުޅުވާފަ އެވެ.

މިކަމާ ގުޅޭ ގޮތުން ކަރެކްޝަނުން ބުނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ބޭއްވި ހަރަކާތުގައި ރައީސް ޔާމީން ބައިވެރިވީ އުސޫލާ ހިލާފަށް ކަމަށާއި އެމައްސަލަ ބަލާނެ ކަމަށެވެ.

ރޭ ބޭއްވި މާހެފުމަކަށް ރައީސް ޔާމީން ވަޑައިގެންނެވުމުން ފިޔަވަޅު އަޅާ މައްސަލަ ބަލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާއިރު، ރައީސް ސޯލިހުގެ ސަރުކާރުން ރޯދަ މަހު އެމަނިކުފާނު ބަންދުކޮށްގެން ގެންގުޅޭތީ އެންމެ ބާރަށް އެ ވާހަކަތައް ދެއްކެވި ބޭފުޅުން މިއަދު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވިއިރު ރައީސް ޔާމީނަށް ލުއިތަކެއް ނުދޭތީ ސަރުކާރަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެ މަނިކުފާނު މިނިވަން ކުރާނެ ކަމުގެ ވައުދާއެކު މިހާރުގެ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، އެކަންކަން ލަސްކުރައްވާތީ ޔާމީން ވަނީ ފާޑުވިދާޅުވެފަ އެވެ.