މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާތީ އެކަންކަން ހުއްޓުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި "ވެސެލްސް ޓްރެކިން ޑިވައިސް" ހަރުކޮށް މޮނިޓާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މިގޮތަށް ނިންމެވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ.

ވެސެލް ޓްރެކިން ޑިވައިސްއެއް ހަރުކޮށް މޮނިޓާކުރުމަށް ނިންމާފައި ވަނީ މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރާ ވިޔަފާރިއަކަށް ވެފައި އަދި ފުލުހުންނަށް މިކަން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގުމަށް ފަސޭހަކުރުމަށްޓަކަ އެވެ.

ވަޒީރުންގެ މަޖިލީގުގެ ލަފާފުޅާއެކު ރައީސް ވަނީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ޓްރެކިން ޑިވައިސްއެއް ހަރުކުރުމަށް ލާޒިމުކުރުމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަންދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް އިސްލާހް ގެންނެވުމަށްވެސް ނިންމަވާފަ އެވެ.

އަދި މި ޑިވައިސް ހަރުކުރާ އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓާ ކުރުމުގެ އިންތިޒާމު ދިވެހި ފުލުހުންގެ ހިދުމަތުގެ މެރިޓައިމް އޮޕަރޭޝަން ސެންޓަރާއި އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ގައި ހަމަޖެއްސެވުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމަވައިފަ އެވެ.