ކޮލަމްބޯ (މާޗް 8) - ވެރިކަން ވެއްޓުނީ ޗައިނާ އާއި އެހެން ގައުމުތަކުގެ ޖިއޯޕޮލިޓިކަލް ވާދަވެރިކަމުގެ ސަބަބުން ކަމަށް ސްރީ ލަންކާގެ ކުރީގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސާ މިއަދު ވިދާޅުވެއްޖެ އެވެ.

ދެހާސް ބާވީސް ވަނަ އަހަރު އާއްމުން ނުކުމެ ވެރިކަން ވައްޓާލި ހާދިސާގެ މައްޗަށް "ކޮންސްޕިރެސީ"ގެ ނަމުގައި ގޯޓާބަޔާ މިއަދު ނެރުއްވި ފޮތުގައި ވިދާޅުވެފައި ވަނީ 2006 ވަނަ އަހަރުގެ ފަހުން ޗައިނާ އިން ލަންކާގައި ގާއިމްކުރަން ފެށި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކުގެ ސަބަބުން ޖިއޯޕޮލިޓިކަލް ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދުނު ކަމަށެވެ.

"ވެރިކަން ވައްޓާލުމުގައި ބޭރުގެ އަތެއްވޭ،" ގޯޓާބަޔާ ލިޔުއްވާފައިވެ އެވެ.

ވަކި ގައުމެއްގެ ނަން ގޯޓާބަޔާ ވިދާޅުވެފައި ނުވި ނަމަވެސް ވޭތުވެދިޔަ މާޒީގައި އެމެރިކާ އިން ދިޔައީ ޗައިނާގެ ދަރަނި ދަންތުރައެއްގައި ލަންކާ ޖެހޭނެ ކަމަށް ބުނެ އިންޒާރު ދެމުންނެވެ.

ސްރީލަންކާގެ ރައީސާ ދެކޮޅަށް 2022 ވަނަ އަހަރު ޖުލައި މަހު ކޮލަމްބޯގައި މުޒާހަރާކުރަނީ.

ގޯޓާބަޔާގެ ފޮތުގައި ވިދާޅުވެފައި ވަނީ އެމަނިކުފާނު ވެރިކަން ދިފާއު ކުރުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރުމަށް އިންޑިއާ އިން ތައްޔާރަށް އޮތް ކަމަށެވެ.

އެކަމަކު ތެލާއި ކާބޯތަކެއްޗާއި އެނޫން ވެސް އަސާސީ ތަކެތި ލިބުން ދަތިވެ، ލަންކާގެ އިގްތިސާދު އިނދަ ޖެހުމުގެ ސަބަބުން ޖުލައި 8، 2022 ގައި އާއްމުން ނުކުމެ ރައީސްގެ ގެކޮޅު ވަނީ ހިސާރުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ގޯޓާބަޔާ ފިއްލަވައިގެން ގައުމު ދޫކުރައްވައި ވަޑައިގެން ޖުލައި 14 ވަނަ ދުވަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ލަންކާ އިން އެންމެ ގިނައިން ލޯނު ނަގާފައި ވަނީ ޗައިނާ އިންނެވެ. މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް ލަންކާގެ ބޭރުގެ ދަރަނި 52.65 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭގެ ތެރޭން 10 ޕަސެންޓް ދަރާފައި ވަނީ ޗައިނާއަށެވެ.