ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު އިގްތިސާދީ މަޝްރޫއު ކުރިއަށް ގެންދާނީ އިހަވަންދިއްޕޮޅުގައި ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އުތުރުގެ ހަތަރު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.

އެގޮތުން މި ސަރަހައްދަށް އަންނާނެ އެންމެ ބޮޑު މަޝްރޫއުއަކީ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫއު ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މި މަޝްރޫއު ވެގެންދާނީ، މުޅި ރާއްޖޭގައި ވެސް ހިންގޭ އިގްތިސާދީ އެންމެ ބިޔަ، ބޮޑު މަސައްކަތަށް ކަމަށެވެ.

"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫއު ވެގެންދާނީ ރާއްޖެ މިހާރު އޮތް އިގްތިސާދީ ވަޅުގަނޑުން އަރައިގަތުމަށް ވަރަށް މުހިންމު ޕްރޮޖެކްޓަކަށް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން އާމްދަނީ އިތުރުވެ އަދި މި ސަރަހައްދުގައި އެތައް ހާސް ވަޒީފާގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"ސަރުކަރުގެ ބޮޑު ފަސް ކުންފުންޏެއް ހިމެނޭގޮތަށް މި މަޝްރޫޢު ހިންގުމަށްޓަކައި "މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން"ގެ ނަމުގައި ކުނުންފުންޏެއް ވަނީ އުފައްދާފައި. އެ ކުންފުނި މި އޭރިއާގައި ފަށާ މަޝްރޫއު ވެގެންދާނީ ރާއްޖޭގައި ފަށާ އިގްތިސާދީ އެންމެ ބޮޑު މަސައްކަތަށް. އެތަށް ހާސް ވަޒީފާ އުފެދޭނެ." ރައީސް ވިދާޅުވި އެވެ.

ހޯރަފުށީގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ސަރުކާރުން އިސްކަން ދެއްވާ މަޝްރޫއުއެއްގެ ގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

މީގެއިތުރުން ހޯރަފުށީ ހޮސްޕިޓަލް މަސައްކަތް އަވަސްކުރުމާއި ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދިނުމުގެ ޕްރޮޖެކްޓާއި ރަށުގައި ކުނި މެނޭޖްކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމު ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.