ކެމްޕެއިން ތެރޭގައި ވެސް ވައުދުވެވަޑައިގެންފައިވާ ފަދައިން، މާވަރުލު އެއާޕޯޓު އިތުރަށް ތަރައްގީކޮށް އެ އެއާޕޯޓާއި ގައްދޫއާ އެއްގަމުން ގުޅުވައިދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް އާދިއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ގދ. ގައްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގދ. އަތޮޅު މަދަރުސާގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ގައްދޫގެ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ގައްދޫގެ ތަރައްގީއާ ގުޅިފައިވާ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބިން ހިއްކުމުގެ މަޝްރޫއު ފާހަގަކުރައްވައި، އެކަން މި ސަރުކާރުން ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ހޮސްޕިޓަލް މަޝްރޫއުގެ މަސައްކަތް ވީހާވެސް އަވަހަށް ކޮށްދޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ރައީސް ވަނީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގައި އަދި ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތައް ކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ބާރުއަޅުއްވާފަ އެވެ. އަދި ރައްޔިތުންނަށް ހިދުމަތްކުރުމުގެ ޒިންމާއާ ހަވާލުވެ އެކަމަށް ހުވައެއްކުރުމަށްފަހު، ހަމަހަމަކަމާއެކީ އެމީހަކު އެނިސްބަތްވާ ޕާޓީއަކަށް ބެލުމެއްނެތި ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށް، މަގާމުތަކަށް އިންތިހާބުވާ ފަރާތްތަކަށް ރައީސް ބާރުއެޅުއްވި އެވެ.

"ރައްޔިތުން އިންތިހާބެއްގައި އެމީހަކު ހޮވައި އެ ހަވާލުކުރާ ޒިންމާ އަދާކުރުމުގައި، ތެދުވެރިކަމާއި، އަމާނާތްތެރިކަން އިސްކޮށް ހަމަހަމަކަން އިސްކުރަން ޖެހޭނެ. ސިޔާސީ ފިކުރާއި ސިޔާސީ ވިސްނުމަކީ ދޭތެރެ މެދުން ހުރަހަކަށް ވާންޖެހޭކަމަކަށް ހަދައިގެން ނުވާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ

މި ޖަލްސާގައި ވެސް ރައީސް ވަނީ މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަވައި ގައުމު ތަރައްޤީކޮށް ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްތައް ކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ.