މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ގައުމުގެ ހާލަތު ގޯސްވަމުން އަންނަ ކަމަށާއި މިކަން ހައްލު ކުރެވޭނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ކުރީގެ ރައީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޅ. ހިންނަވަރު ދާއިރާ އަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ ޖީހާން މަހުމޫދުގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ ޕާޓީގެ ވަގުތީ ރައީސްކަން ވެސް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ މިސްރާބު މިހާރު ހުރި ގޮތުން މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ލިބުން މުހިއްމު ކަމަށެވެ.

ސަރުކާރު ޒިންމާދާރު ކުރެވޭނީ މަޖިލީހުގެ ތެރެއިން މަސައްކަތްތައް ކުރެވިގެން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ސޯލިހުގެ ވާހަކަފުޅުގައި، ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލަމުންދާކަމަށް ތުހުމަތު ކުރައްވައި، ތަކުރާރުކޮށް ފާޑު ވިދާޅުވި އެވެ. ސޯލިހު ގަބޫލުކުރައްވާ ގޮތުގައި، ވެރިކަމަށް އައުމުގެ ކުރިން ވެސް، ވެރިކަން ލިބުމަށް ފަހު ވެސް، މި ސަރުކާރުން ކުރަމުންދާ ކަމަކީ ރައްޔިތުންނަށް ދޮގުހެދުމާއި، ހުސް ވައުދުތަކެއް ވުމެވެ.

"އަޅުގަނޑުމެން އެކީގައި އެތައް މަސައްކަތެއް ނުކޮށްފި ނަމަ މި ގައުމު ގޮސް ވެއްޓޭނެ އަނދަވަޅު ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް މިއަދު އެބަ ފެނޭ. އޭރުވެސް ހަދަމުން ދިޔައީ ދޮގު. މިއަދު ވެސް ހަދަމުން ދަނީ ދޮގު،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުން އިންތިހާބު ތެރޭގައި ދެއްކެވި ވާހަކަތަކުން ރައްޔިތުންނަށް ވަރަށް ބޮޑަށް މަންޒަރު އޮޅިގެން ދިޔަ ކަމަށެވެ. އޭގެ ނަތީޖާއަކަށްވީ ރިޔާސީ އިންތިހާބުން އެމްޑީޕީ އަށް ނާކާމިޔާބުވުން ކަމަށާއި ނަމަވެސް އެ ދުވަހު ކުރެވުނު ކަންތައްތަކާ މެދު ރައްޔިތުން މިއަދު ދެރަވެ ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ.

މިއަދު ވެސް ކުރަންޖެހިފައި އޮތް ކަމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ފާހަގަ ކުރައްވަމުން ސޯލިހް ވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްނުދީ ތަރައްގީ ނުކުރެވޭނެކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމު މިދާ މިސްރާބުގެ ސަބަބުން، ވެރިކަން ކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ލޯމަރައިގެން ހުރެވެން ނެތްކަމަށް ސޯލިހް ވިދާޅުވި އެވެ. އިތުރަށް ސޯލިހް ވިދާޅުވީ އެންމެން އެކުގައި މަސައްކަތްނުކޮށްފި ނަމަ ގައުމު އަނދަވަޅަކަށް ވެއްޓިގެން ހިނގައިދާނެ ކަމަށެވެ.