އިސްލާމްއާބާދު (ފެބްރުއަރީ 14) - ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދެކޮޅުވެރިންގެ ގޮތުގައި ތިބި ޕާޓީތައް ކޯލިޝަނަކުން ގުޅުމަށް ފަހު އެ ކޯލިޝަނުގެ އެންމެ ގިނަ ގޮނޑި ހޯދި ޕާކިސްތާން މުސްލިމް ލީގު - ނަވާޒް (ޕީއެމްއެލް-އެން) ގެ ވެރިޔާ ނަވާޒް ޝަރީފް ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ބަދަލުގައި ކޮއްކޯފުޅު ޝަހުބާޒް ޝަރީފަށް އެ މަގާމު ދެއްވާ ގޮތަށް ނިންމަވައިފި އެވެ.

ތިން ފަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒުގެ ބަދަލުގައި ޕާޓީގެ ރައީސް ޝަހުބާޒަށް ބޮޑުވަޒީރުކަން ދެއްވަން ނިންމެވި ސަބަބެއް އަދި ނޭނގެ އެވެ.

އިންތިޚާބުގެ ކުރިން ބެލެވުނު ގޮތުގައި މިފަހަރުގެ އިންތިޚާބަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ ނަވާޒް ޝަރީފެވެ. ސަބަބަކީ މި ފަހަރުގެ އިންތިޚާބަށް އެމަނިކުފާނު ނުކުންނެވީ ޕާކިސްތާނުގެ ބާރުގަދަ އަސްކަރިއްޔާގެ ފުރިހަމަ ތާއީދާ އެކު ކަމަށްވާތީ އެވެ. ގައުމުން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެއް އުޅުއްވުމަށް ޕާކިސްތާނަށް ނަވާޒް ޝަރީފް ވަޑައިގެންނެވީ ވެސް ސީދާ ވެރިކަން ހޯއްދެވުމަށް ކަމަށްވެ އެވެ. އަސްކަރިއްޔާގެ ތާއީދު ލިބުމާ އެކު ނަވާޒުގެ މައްޗަށް ކުރިން ކޮށްފައިވާ ހުރިހާ ދައުވާތަކެއް ވެސް ވަނީ ބާތިލްކޮށްފަ އެވެ. އޭގެ ތެރޭގައި އިންތިޚާބުތަކުގައި ވާދަނުކުރެވޭ ގޮތަށް އޮތް އޮތުން ވެސް ހިމެނެ އެވެ.

މުސްލިމް ލީގުގެ ތަރުޖަމާން މަރިޔަމް އައުރަންގްޒަބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަވާޒް ޝަރީފް، 74، ވަނީ ކޮއްކޯފުޅު ޝަހުބާޒް ޝަރީފް، 72، ބޮޑުވަޒީރު ކަމަށް އަދި ދަރިކަނބަލުން މަރިޔަމް ނަވާޒް، 50، ޕަންޖާބު ޕްރޮވިންސްގެ ޗީފް މިނިސްޓަރުގެ މަގާމަށް ހަމަޖެއްސުމަށް ނިންމަވާފައިވާ ކަމަށެވެ.

ނަވާޒް ޝަރީފުގެ މުސްލިމް ލީގަށް ސަރުކާރެއް އެކުލަވާލެވޭ ވަރުވީ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގެ ތާއީދާ އެކު އެވެ. އެ ޕާޓީގެ ލީޑަރު އަދި ބުއްޓޫގެ ދަރިކަލުން އުމުރުން 35 އަހަރުގެ ބިލަވާލް ބުއްޓޫ ވަނީ ބޮޑުވަޒީރުކަމުގެ މަގާމަށް ޝައުގުވެރިކަން ނެތް ކަމަށް ވިދާޅުވެފަ އެވެ.

މުސްލިމް ލީގާއި ޕީޕީޕީ އަކީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަރުކާރު 2022 ވަނަ އަހަރު ވައްޓާލުމުގައި އެންމެ އިސް ރޯލެއް އަދާކުރި ދެ ޕާޓީ އެވެ. އިމްރާންގެ ސަރުކާރު ވައްޓާލުމަށް ފަހު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ޝަހުބާޒެވެ.

އެކަމަކު މިފަހަރުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯދީ އިމްރާން ޚާންގެ ޕާކިސްތަން ތަހްރީކީ އިންސާފް (ޕީޓީއައި) ގެ ތާއީދާ އެކު ނުކުތް އަމިއްލަ ކެންޑިޑޭޓުންނެވެ. އިންތިޚާބުކުރާ 266 ގޮނޑީގެ ތެރޭން 93 ގޮނޑި ކާމިޔާބުކުރީ ޕީޓީއައި އަށް ތާއީދުކުރާ ކެންޑިޑޭޓުންނެވެ. ޕީޓީއައިގެ ނަމުގައި އިންތިޚާބުގައި ވާދަކުރުން އޮތީ މަނާކޮށްފަ އެވެ. ނަވާޒް ޝަރީފުގެ މުސްލިމް ލީގަށް 75 ގޮނޑި ލިބިފައިވާ އިރު ޕީޕީޕީ އަށް ލިބުނީ 54 ގޮނޑި އެވެ. އަންހެނުންނާއި މުސްލިމް ނޫން ދީންތަކުގެ މީހުންނަށް ރިޒާވްކޮށްފައިވާ 70 ގޮނޑީގެ ތެރޭން ކޮންމެވެސް ވަރަކަށް ގޮނޑި އެ ދެ ޕާޓީ އަށް ލިބޭނެ އެވެ.

ޖަލުގައި މިހާރު ހުންނެވި އިމްރާން ޚާން ވިދާޅުވެފައިވާ ބޮޑު އެއްވެސް ޕާޓީއަކާ ނުގުޅޭނެ ކަމަށެވެ. އަދި އެ ދެ ޕާޓީން ވަނީ ވޯޓު އޮޅުވާލާފައި ކަމަށް އިމްރާން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.