ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން މިގޮތަށް ހުކުމް ކުރެއްވީ ސިޔާސީ ޕާޓީއެއްގައި ތިބުން ލާޒިމުވާ 3,000 މެންބަރުން އެ ޕާޓީގައި ހަމަނުވާ ކަމަށްބުނެ އެމްއާރުއެމް އުވާލުމުން އެ ޕާޓީން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

ގާނޫނުގައި ބުނާ މިންވަރަތަށް ޕާޓީގައި 3،000 މެމްބަރުން ހަމަނުވެގެން އެމްއާރުއެމް އުވާލުމަށް ނިންމީ މިދިޔަ އަހަރުގެ މެއި މަހުގެ 24 ގަ އެވެ.

ސިވިލް ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ. އެ ނިންމުމާ ގުޅިގެން ޝަރީއަތަށް ހިނގި ހަރަދުގެ ގޮތުގައި 50،000 ރުފިޔާ ހަތް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް ވެސް ސިވިލް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޕާޓީއަށް 3،000 މެންބަރުން ހަމަކުރަން އަންގައި އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމްއަށް ފޮނުވި ނޯޓިސްގައި ބުނެފައިވަނީ އެ ޕާޓީގައި ތިބީ 2،981 މެންބަރުން ކަމަށެވެ. އެ އަދަދަށް ބަލައިގެން މެންބަރުން ހަމަކުރުމުގެ މަސައްކަތް އެ ޕާޓީން ކުރިއިރު ނޯޓިސްގެ މުއްދަތުގައި މެންބަރުން ޕާޓީން އުނިއިތުރު ކޮށްފައިވާކަން ވެސް ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މި ހުކުމާ އެކު އެމްއާރުއެމްގެ ޒައީމް މައުމޫން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މާތް ﷲއަށް ހަމްދާއި ޝުކުރުކޮށް އެމްއާރްއެމްގެ ލޮބުވެތި މެންބަރުންނަށް އިހްލާސްތެރިކަމާ އެކު" ތަހުނިޔާ ވިދާޅުވެފަ އެވެ.

އެމްއާރުއެމް އުވާލަން އީސީން ނިންމިއިރު، އެ ޕާޓީގައި ތިބީ 2،981 މެންބަރުންނެވެ. އެހެންކަމުން ގާނޫނުގައި ބުނާ އަދަދު ހަމަވާން މަދުވީ އެންމެ 19 މެންބަރުންނެވެ.