ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވޭ ގޮތަށް އެ މަޖިލީހުގެ ގަވައިދުގައި ހިމަނަން ހުށަހަޅައިފި އެވެ.

މަޖިލީހުގެ ގަވާއިދު މިގޮތަށް އިސްލާހު ކުރަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމެވެ. މިހާރު އަމަލުކުރަމުން އަންނަނީ ވަރަށް ކުރީގެ ގާނޫނެއް ކަމަށް ވިދާޅުވެ، އެ ގާނޫނު އުވާލަން ވެސް އޭނާ ވަނީ ހުށަހަޅުއްވައިފަ އެވެ.

އޭނާ ވިދާޅުވީ އެ ގާނޫނާ ހެދި، ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި މެމްބަރުންނަށް، މިނިސްޓަރުންނާ ސުވާލުކުރަން ދީފައިވާ ހައްގު ހަނިވާ ކަމަށެވެ.

އެ ބިލާ ގުޅޭ ގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ގާނޫނުއަސާސީން މިނިސްޓަރުންނަށް ސުވާލު ކުރުމުގެ ހައްގު ވަރަށް ފުޅާކޮށް ދީފައިވާ ކަމަށާއި އެހެންކަމުން ގާނޫނުއަސާސީއަށް އަމަލު ކުރަމުން އަންނައިރު ގާނޫނެއް އެކަމުގައި އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި މިނިސްޓަރުންނާ ސުވާލު ކުރުމާ ގުޅޭ ތަފްސީލްތައް ގާނޫނުއަސާސީއަށް ފުށުނާރާ ގޮތަށް ހިމަނަން ޖެހެނީ މަޖިލީހުގެ ގަވައިދުގައި ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި ހައްސާސީ މުހިންމު ކަންކަމުގައި މިނިސްޓަރުން ނޯޓިސް ދިނުމަކާ ނުލައި ހާޒިރު ކުރަން ވެސް ފުރުސަތު އެބަ އޮތެވެ. ނަމަވެސް، އެކަމަށް ހުރަސް އަޅަނީ މިހާރު އޮތް އިހުގެ ގާނޫނު ކަމަށް ވިދާޅުވި އެވެ.

ގާނޫނުއަސާސީން ސަރުކާރު ޖަވާބުދާރީކުރުމުގެ ޒިންމާ މަޖިލީހަށް ދީފައިވާއިރު، ގާނޫނުގައި ހަމައެކަނި މިނިސްޓަރުންނާ ސުވާލުކުރުން ކަމަށް ބަޔާންކޮށްފައި އޮތުމަކީ ޖަވާބުދާރީކުރުވަން ވަރަށް ބޮޑަށް ހުރަސް އަޅާ ކަމެއް ކަމަށް ވެސް ސަލީމް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ގާނޫނުއަސާސީ ބައްޓަންކޮށްފައި ވަނީ ރައީސާއި ނައިބު ރައީސް ވެސް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭ ގޮތަށް ކަމަށެވެ. ހަމައެކަނި މިނިސްޓަރުންނަށް މަޖިލީހަށް ޖަވާބުދާރީވުން މަޖުބޫރުކޮށްގެން ތިބުމަކީ ސަލީމް ވިދާޅުވި ގޮތުގައި، މަޖިލީހަށް އޮތް ސަރުކާރު ޖަވާބުދާރީކުރުވުން ހަނިކުރުމެވެ.

ރައިސުލްޖުމްހޫރިއްޔާ އާއި ނައިބު ޖަވާބުދާރީވާން ޖެހޭ ވަރަށް ހާއްސަ ހާލަތްތައް ވެސް އެބަހުރި ކަމަށާއި ނަމަވެސް، އެކަމަށް އިޖުރާއަތެއް މަޖިލީހުގައި ހެދިފައި ނެތުމުން އެކަން މިހާތަނަށް ކުރެވިފައިނުވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް. ފޮޓޯ: މަޖްލިސް

ރައީސުލްޖުމްހޫރިއްޔާ އާއި ރައިސުލްޖުމްހޫރިއްޔާގެ ނައިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހު ކުރަން ސަލީމް ހުށަހެޅުއްވިއިރު، މިދިޔަ ސަރުކާރުގައި އޭރުގެ އިދިކޮޅުން ވަނީ ކަނޑު ވިއްކާލިކަމަށް ކުރި ތުހުމަތުތަކާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފަ އެވެ.

އޭރު ޕީޕީއެމް/ޕީއެންސީގެ މެންބަރުން ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ދަށުން ގާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކު ވެސް ހަމަހަމަވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރު ނުކުރުވޭނެ ކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް ނެތް ކަމަށެވެ.

ނަމަވެސް، ޕީޕީއެމް/ޕީއެންސީގެ އެ ހުށަހެޅުމާ މެދު އޭރު، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.