އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ 89 ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ 89 ކެންޑިޑޭޓުންގެ ކެންޑިޑެންސީ ފޯމު، އިލެކްޝަންސް ކޮމިޝަނަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ.

އެމްޑީޕީ މެމްބަރުން ފޯމު ހުށައެޅުމަށް ދަރުބާރުގެއަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ ޕާޓީގެ ފަރާތުން މިފަހަރު ވާދަކުރާނީ 89 ދާއިރާއަކަށް ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީކުރުވުމަށް މަޖިލީހުގެ ރަނގަޅު މެޖޯރިޓީއެއް ހޯދުމަށް ރައްޔިތުންގެ ތާއީދު ޕާޓީއަށް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މަޖިލިސް އިންތިޚާބުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލާނެ ކަމަށް އެމްޑީޕީން ވަނީ މީގެކުރިން ހާމަކޮށްފަ އެވެ. އެހެންނަމަވެސް، އެމްޑީޕީ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު، ހަތަރު ދާއިރާއަކަށް އެއްވެސް ފަރާތަކުން ކުރިމަތިލައިފައެއް ނުވެ އެވެ. މީގެ ކުރިން އެމްޑީޕީން ބުނީ މި ހަތަރު ދާއިރާއަށް ޕްރައިމަރީއަށް ފަހު ގޮތެއް ނިންމާނެ ކަމަށެވެ.

މިއާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނީ ސަރުކާރު ތަމްސީލު ކުރާ ޕީޕީއެމް/ ޕީއެންސީންނެވެ. އެޕާޓީން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ 90 ދާއިރާއަކުން ވާދަކުރާނެ އެވެ.

އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅޭނެ ފަހު ތާރީހަކީ ފެބުރުއަރީ 14 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ. އިންތިހާބުގައި ބައިވެރިވުމަށް އީސީއަށް އިއްޔައާ ހަމައަށް ލިބިފައިވަނީ 68 ފޯމުކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މަޖިލިސް އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ. އެހެންނަމަވެސް އިންތިހާބު ފަސް ކުރުމަށް ޤާނޫނަށް ގެނައި އިސްލާހު މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ވިހި ވަނަ މަޖިލީހަށް ޖުމްލަ 93 މެންބަރަކު އިންތިހާބު ކުރާނެ އެވެ. މިފަހަރުގެ އިންތިހާބުގައި 284،327 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ އެވެ.