ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މެންބަރު ކަމަށް އައްޔަންކުރުމަށް ތިން ބޭފުޅެއްގެ ނަން ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ސީއެސްސީގެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.

ސީއެސްސީގެ މެންބަރުކަމުގެ މަގާމު ހުސްވުމުން އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށް އިއުލާނުކުރުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް މުއިއްޒު ވަނީ ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

ސީއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވި ނަންތައް:

  • އަބްދުލްހަސީބު އިސްމާއީލް، ދަފްތަރު ނަންބަރު ރސ 7505
  • ފާތިމަތު ހަބީބާ، ދަފްތަރު ނަންބަރު ރސ 9472
  • މަރްޔަމް ޝާހިދާ، މއ. ފޮރެސްޓް

މަޖިލީހުގެ ރިޔާސަތުން ވަނީ ސިވިލް ސާވިސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކުރައްވާފަ އެވެ.

ފަސް މެމްބަރުން ތިއްބަވާ ކޮމިޝަންގައި މިހާރު ތިއްބެވި ހަތަރު މެމްބަރުންނަކީ މުހައްމަދު ނާސިހް (ރައީސް) އިބްރާހިމް ރަޝީދު (ނައިބު ރައީސް) މުހައްމަދު ފަރުޝަތުގެ އިތުރުން ފާތިމަތު ޝަރީފެވެ.