ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށާއި ހުރިހާ ދާއިރާއަކުން ހަރަދު ކުޑަކޮށް، ހާލަތު ރަނގަޅު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ގޮވާލައިފި އެވެ.

ވޯލްޑް ބޭންކުން މިގިތަށް ރާއްޖެއަށް ގޮވާލެއްވީ އެބޭންކުގެ ސައުތް އޭޝިއާގެ ވައިސް ޕްރެޒިޑެންޑް މާޓިން ރެއިސާ ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރު އިއްޔެ ނިންމައިލުމަށް ފަހު ނެރުނު ބަޔާނުގަ އެވެ.

މި ދަތުރުފުޅުގައި ރެއިސާ ވަނީ ރައީސް މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފަ އެވެ.

ވޯލްޑް ބޭންކުގެ ބަޔާނުގައި ބުނީ މާޓީންގެ ބައްދަލުވުންތަކުގައި ފާޅުކުރެއްވި ކަންބޮޑުވުންތަކަކީ ދައުލަތުގެ ހަރަދު ބޮޑުވުމާއި ބޭރު ފައިސާގެ ރިޒާވްގެ މަދުވުމާއި ދަރަނި ބޮޑުވުން އަދި ދުނިޔޭގެ މާލީ ވުޒާރާތަކުގެ އިންޓަރެސްޓް ރޭޓް މަތިވުމާގުޅިގެން ކުރިމަތިވެދާނޭ ނުރައްކާތަކެވެ.

"ދިވެހިރާއްޖެއިން މިވަނީ ފާހަގަކުރެވޭ މިންވަރަށް ކުރިއެރުން ހޯދާފައި. މިގޮތުން ސިއްހީ ފަރުވާ، ތައުލީމު، ބޯހިޔާވަހިކަން އަދި އެހެނިހެން އާއްމުހިދުމަތްތައް ހިމެނޭހެން އެކި ދާއިރާތަކުން ނަތީޖާ ހާސިލުކޮށްފައިވާ ކަމީ ފާހަގަކުރަންޖެހޭ ކަމެއް. ނަމަވެސް ފިސްކަލް ދަރަނީގެ އިތުރުން ބޭރުގެ އެކިއެކި ފަރާތްތަކަށް އަދާ ކުރަންޖެހޭ ދަރަނި ބޮޑުވުމުގެ ސަބަބުން މި ކުރިއެރުންތަކުގެ ފައިދާ ލިބުމަށް ހުރަސްތައް މެދުވެރިވާނެތީ ވަކި ކަމަކަށް އަމާޒުކުރުމެއް ނެތި ކުރާ ހަރަދުތައް މަދުކުރުމަށާއި އާމްދަނީ އިތުރުކޮށް ދަރަނި ބެލެހެއްޓުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް ސަރުކާރުން އަޅަންޖެހޭ،" ރެއިސާ ވިދާޅުވި އެވެ.

ވޯލްޑް ބޭންކާއި ސަރުކާރުން ގުޅިގެން އިއްޔެ ނެރެނު ރާއްޖޭގެ ފުރަތަމަ ހިއުމަން ކެޕިޓަލް ރިވިއު ރިޕޯޓު، "ހިއުމަން ކެޕިޓަލް ރިވިއު ފޯ ދަ މޯލްޑިވްސް" ރިޕޯޓުގައި ފާހަގަ ކުރި ގޮތުގައި ދައުލަތުގެ ހަރަދު ކުޑަކުރަން ޖެހިފައިވާ އިރު އުފެދިފައި ހުރި ފަރަގުތައް ހަނިކުރުމަކީ ހަރަދު އިތުރުކޮށްގެން ހައްލުކުރެވޭނެ ކަންކަމެއް ނޫނެވެ.

އެ ރިޕޯޓާ ހަވާލާދީ ރެއިސާ ފާހަގަ ކުރެއްވި ގޮތުގައި ހަރަދު އިތުރުކުރުމުގެ ބަދަލުގައި އިސްކަންދޭ ތަރުތީބަކުން ކުރަން މުހިންމު ހޭދަތައް ތަރުތީބުކޮށްގެން ކުރަން ޖެހެ އެވެ.

ބޭނުންޖެހިފައިވާ ފަރާތްތައް ދަނެގަނެ އެފަރާތްތަކަށް އެކަނި ސަބްސިޑީ ދިނުމާއި، ރަށްރަށުން ލިބެން ހުންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން ޖެހޭ ކަމަށްވެސް ރެއިސާ ފާހަގަ ކުރެއްވު އެވެ.

މީގެ އިތުރަށް ރެއިސާ ވަނީ ރާއްޖޭގެ އުމްރާނީ ތަރައްގީ އަށާއި ތިމާވެއްޓަށް ކުރިމަތިވަމުން އަންނަ ނެތިދިޔުމުގެ ނުރައްކާތަކަށް ސަމާލުކަން ދިނުމަށް ވެސް ގޮވާލައްވައިފަ އެވެ. މިގޮތުން އިގްތިސާދީ ލޮޅުންތަކާއި މޫސުމީ ގޮތުން ކުރިމަތިވާ ކަންކަން ވަނީ ގުޅިލާމެހިފައި ކަމަށް ރެއިސާ ވިދާޅުވި އެވެ.

މިދަތުރުގައި، ވޯލްޑް ބޭންކާއި ރާއްޖެއާ ދެމެދު އުފެދިފައިވާ 45 އަހަރުގެ ގުޅުމާއި، ތަރައްގީގެ އެޖެންޑާ އަށް ވޯލްޑް ބޭންކުން ދެއްވަވަމުން ގެންދަވާ އެހީ އާއި އެއްބާރުލުން މެދުކެނޑުމެއްނެތި ރާއްޖެއަށް ދޭނެ ކަމުގެ ޔަގީންކަން ރެއިސާ ވަނީ ދެއްވައިފަ އެވެ.

ވޯލްޑް ބޭންކުގެ އެހީގައި މިވަގުތު ރާއްޖޭގައި 10 މަޝްރޫއެއް ހިންގަ އެވެ. މި ޕްރޮޖެކްޓުތަކުގެ ޖުމުލަ އަގަކީ 217 މިލިޔަން ޑޮލަރެވެ.